ކުޅިވަރު
ފުޓްސަލް ކުރިއެރުވުމަށް އެފްއޭއެމްއިން ކްލަބް މޯލްޑިވްސްއާއެކު އެއްބަސްވުމަކަށް
އެފްއޭއެމްއިން ކްލަބް މޯލްޑިވްސްއާއެކު އެއްބަސްވުމަކަށް އައުން / ފޮޓޯ: ކްލަބް މޯލްޑިވްސް
ރާއްޖޭގެ ފުޓްސަލް ކުރިއެރުވުމުގެ ގޮތުން، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ކްލަބް މޯލްޑިވްސްއާއެކު އެއްބަސްވުމަކަށް އައިސްފިއެވެ.
މިކަމަށްޓަކައި ރަސްމީ ފުޓުބޯޅަ ދަނޑުގައި ބުރާސްފަތިދުވަހު އޮތް ރަސްމިއްޔާތެއްގައި އެފްއޭއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ، އެ އެސޯސިއޭޝަންގެ ރައީސް އަޙުމަދު ޠާރިޤުއެވެ. އަދި ކްލަބް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ރައީސް މޫސާ ރަމީޒްއެވެ.
ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް އިންތިޒާމުކުރާ ކްލަބް މޯލްޑިވްސްއާއެކު އެފްއޭއިން އެއްބަސްވުމަކަށް އައީ، ޤައުމީ ފެންވަރުގައި ފުޓްސަލްގެ މުބާރާތްތައް ބާއްވައި، ޤައުމީ ފުޓްސަލް ލީގެއް އުފެއްދުމަށްކުރާ މަސައްކަތުގައި ފަންނީ އެހީތެރިކަން ހޯދުމަށްކަމަށް، އެފްއޭއެމްގެ ރައީސް ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން، އެފްއޭއެމްއިން ވަނީ ކްލަބް މޯލްޑިވްސްއިން ހިންގާ ކްލަބް މޯލްޑިވްސް ކަޕާއި އެއިޓީން ތާރޓީ ފުޓްސަލް މުބާރާތްތަކަކީ ޤައުމީ ލެވެލްގެ މުބާރާތްތަކެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައެވެ. މިއާއެކު، ފުޓްސަލްގެ ޤައުމީ އެވޯޑަށް ކުޅުންތެރިން ހޮވުމާއި ނޮމިނޭޓު ކުރުމުގައި މި މުބާރާތްތައް މުހިންމު ދައުރެއް އަދާކުރާނެއެވެ.
އަދި މި މުބާރާތްތަކަކީ ޤައުމީ ފުޓްބޯޅަ މުބާރާތްތަކުގެ ތެރޭގައި ހިމެނޭ މުބާރާތްތަކަށް ހެދުމާއެކު، ފުޓްސަލްގެ ޤައުމީ ޓީމަށް ވަކި އޮނިގަނޑެއްގެ ތެރެއިން، އެހެން ކުޅިވަރުތަކުގެ ޤައުމީ ޓީމުތަކަށް ކުޅޭ ކުޅުންތެރިންނަށްދޭ އެލަވަންސް ވެސް ހަމަޖެހިގެންދާނެއެވެ.
ދިވެހިރާއްޖޭގައި މިހާރު އެންމެ އެންމެ މަޤުބޫލު ކުޅިވަރަކީ ފުޓްސަލްކަމަށްވާއިރު، މި ކުޅިވަރު ކުރިއެރުވުމަށް އެފްއޭއެމްއިން ކްލަބް މޯލްޑިވްސްއާއެކު މުހިންމު މަސައްކަތްތަކެއް ކުރާނެކަމަށް، ޠާރިޤު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދާ ފުޓްސަލް ޗެމްޕިއަންޝިޕްގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ހުނަރު ޤައުމީ ފެންވަރުގައި ދައްކާލުމަށް ލިބިގެން ދާނީ މުހިންމު ފުރުސަތެއްކަން ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ކްލަބް މޯލްޑިވްސްގެ ފަރާތުން އެ ޖަމްޢިއްޔާގެ ރައީސް ވިދާޅުވީ، އެ ޖަމްޢިއްޔާއިން ފުޓްސަލް ކުރިއެރުވުމަށް އަބަދުވެސް މަސައްކަތް ކުރާނެކަމަށާއި، އެފްއޭއެމްއާ ގުޅިގެން ފުޓްސަލް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާނެކަމަށެވެ.