ޚަބަރު
ދިވެހި ސަފީރުންނާއި ހެޑްސް އޮފް މިޝަންއާ ޚާރިޖީ ވަޒީރު ބައްދަލުކުރައްވައިފި
ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ
ރާއްޖެއިން ބޭރު ޤައުމުތަކުގައި ހުރި ދިވެހި މިޝަންތަކުގެ ސަފީރުންނާއި ހެޑްސް އޮފް މިޝަންއާ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އިއްޔެ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ޚާރިޖީ ވުޒާރާއިން ކުރެވުނު މަސައްކަތާއި ކުރިއަށް ރޭވިފައި ހުރި މަސައްކަތާ ގުޅޭގޮތުން ވަޒީރު އިރުތިޝާމް ސަފީރުންނާއި މަޝްވަރާކުރެއްވި އެވެ.
މިގޮތުން، މިޝަންތަކުގައި ތިއްބަވާ ސަފީރުން އެ ޤައުމުތަކާ ގުޅުން ބަދަހިކުރުމަށް ވަޒީރު ވަނީ އެދިވަޑައިގެންފަ އެވެ. ހަމަ އެހެންމެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މޯލްޑިވްސް ފަސްޓް ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމާއި ދިވެހިރާއްޖެއަށް ފައިދާއާއި މަންފާހުރި ފުރުޞަތުތައް ފަހިކޮށް ދިނުމުގެ އިތުރުން، އެ ޤައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތް ކުރާ ދިވެހިންނަށް ކޮންސިއުލަރ ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަޒީރު އިރުތިޝާމް އެދިވަޑައިގެންނެވިއެވެ.

އަދި ދިވެހިރާއްޖޭގައި ހުރި ފަތުރުވެރިކަމާ އިންވެސްޓްމަންޓުގެ ފުރުޞަތުތައް ބޭރުގެ އެކި ފަރާތްތަކާ ހިއްސާކޮށް، އެ ދާއިރާތައް ކުރިއެރުވުމުގައި މިޝަންތަކުން އަދާކުރާ މުހިންމު ދައުރާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ބޭރު ޤައުމުތަކުގައި ހުރި ދިވެހި މިޝަންތަކުގެ ސަފީރުންނާއި ހެޑްސް އޮފް މިޝަނުން ވަނީ، އެކި ސަރަޙައްދުތަކުގެ މިވަގުތު ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.