ދުނިޔެ

ހުޅަނގު އައްސޭރީގައި ގަބުރެއްކޮނެ ހަށިގަނޑެއް ނަގަން މަޖުބޫރުކޮށްފި

ހުޅަނގު އައްސޭރީގައި ގަބުރެއްކޮނެ ހަށިގަނޑެއް ނަގަން މަޖުބޫރުކޮށްފި

ގަބުރު ކޮނެ ނަގައިގެން ގެންދާ މަންޒަރާއި، ނިޔާވި 80 އަހަރުގެ ބައްޕަ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 މޭ 2026، 06:28

10 މޭ 2026، 06:28

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި، ޔަހޫދީ އާބާދުކުރާ މީހުން ފަލަސްތީނުގެ އާއިލާއަކަށް މަޖުބޫރުކޮށް، ވަޅުލީތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެ އާއިލާގެ 80 އަހަރުގެ ބައްޕަގެ ހަށިގަނޑު ކޮނެގެން ނަގަން މަޖުބޫރުކޮށްފިއެވެ.

މި ލާއިންސާނީ އަމަލު ހިންގާފައިވަނީ އެ ސަރަޙައްދުގެ ބިން ފޭރިގަނެ، ޔަހޫދީންގެ އައު އާބާދީއެއް ޤާއިމުކުރުމުގެ ބޭނުމުގައެވެ.

މި ހާދިސާ ހިނގަން ފެށީ "ސާ-ނޫރު" ސެޓްލްމަންޓްގެ ކައިރީގައި އޮތް ޖަނާޒާއެއްގެ ތެރެއަށް ޔަހޫދީން ހަމަލާދިނުމާ ގުޅިގެންނެވެ. އިސްރާއީލު ސިފައިން އެ ސަރަޙައްދުގައި ތިބި ނަމަވެސް، ޔަހޫދީން ވަނީ ޖަނާޒާގެ ބައިވެރިންނަށް އަމާޒުކޮށް އެއްޗެހި އުކައި، އުޅަނދުފަހަރަށް ގެއްލުން ދީފައެވެ. ވަޅުލުމުގެ ކަންކަން ނިމުނުތަނާހެން، ޔަހޫދީން ގަބުރުސްތާނަށް ވަދެ ކޮންނަން ފެށުމުން އާންމުން އެކަން ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް، އިސްރާއީލު ސިފައިން ވަނީ ފަލަސްތީނު ރައްޔިތުންނަށް ހުރަސް އަޅާފައެވެ.

އިސްރާއީލު ސިފައިން ވަނީ އެ އާއިލާއަށް ބިރުދައްކައި، ހަށިގަނޑު އެތަނުން ނުނަގައިފިނަމަ އިހުތިރާމެއް ނެތް ގޮތަށް ހަށިގަނޑު އެއްލާލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އެމީހުން ދައުވާކުރި ގޮތުގައި އެ ގަބުރުސްތާނަކީ "ތަރުސަލާ" ސެޓްލްމަންޓާ މާ ކައިރީގައި އޮތް ތަނެކެވެ. މި ބިރުދެއްކުންތަކާ ގުޅިގެން، އެ އާއިލާގެ ހަތް ޒުވާނަކަށް ވަނީ ބައްޕަގެ ހަށިގަނޑު ކޮނެގެން ނަގައި، ކައިރީގައި އޮތް ފުންދުގުމިޔާ އަވަށަށް ބަދަލުކުރަން މަޖުބޫރުވެފައެވެ.

މި ހާދިސާއަކީ ހުޅަނގު އައްސޭރީގެ އަވަށްތަކުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ އަނިޔާވެރި ހަމަލާތަކުގެ ބައެކެވެ. ރިޕޯޓްތައް ބުނާގޮތުން މިހާރު މި އަމަލުތައް ހަމައެކަނި ދިރިތިބި މީހުންނަށް އުނދަގޫކުރުމުގެ ބަދަލުގައި، ޝަހީދުވެ ނުވަތަ ނިޔާވެފައިވާ މީހުންގެ ކަރާމާތަށް އަރައިގަނެ، އެތައް އަހަރެއް ވަންދެން މިލްކުވެފައިވާ އަމިއްލަ ބިމުގައި ވަޅުލުމުގެ ހައްގުން މަހްރޫމްކުރުމާ ހަމައަށް ވަނީ ފުޅާވެފައެވެ.

އދ. ގެ ހިއުމަން ރައިޓްސް އޮފީހުން ވަނީ މި ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ އޮފީހުގެ އޮފިޝަލެއް ކަމަށްވާ އަޖިތު ސަންގޭ ވިދާޅުވީ، "މިއީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި، މީގެން ފެންނަނީ ހިފާފައިވާ ބިންތަކުގައި ފަލަސްތީނު ރައްޔިތުންގެ އިންސާނީ ކަރާމާތް ނަގާލާފައިވާ މިންވަރު" ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450