ދުނިޔެ
ނިދުމުގެ ސަބަބުން ވަޒީފާއިން ވަކިކުރި މުވައްޒަފަކަށް 41 ލައްކަ ރުފިޔާގެ ބަދަލު ލިބިއްޖެ
ވަޒީފާގައި ނިދުން ފޮޓޯ: އިންޓަނެޓް
ޗައިނާގެ ޖިއާންގްސޫ ޕްރޮވިންސްގެ ޓައިކްސިންގ ސިޓީގައި ހުންނަ ކެމިކަލް ކުންފުންޏެއްގައި 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ޑިޕާޓްމަންޓް މެނޭޖަރެއް ކަމުގައިވާ މިސްޓަރ ޒަންގް، މަސައްކަތުގައި ކުޑަ އިރުކޮޅަކަށް ނިދާލުމުގެ ސަބަބުން ވަޒީފާއިން ވަކިކުރުމާ ގުޅިގެން ކުންފުންޏާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައި، 350،000 ޔުއާން (41.6 ލައްކަ ރުފިޔާ) ގެ ބަދަލު ހޯދައިފިއެވެ.
މި އަހަރުގެ ކުރީކޮޅު، މިސްޓަރ ޒަންގް ވަޒީފާއިން ވަކިކުރީ، އޭނާ މަސައްކަތުގައި ނިދާލިތަން ސީސީޓީވީ ފުޓޭޖުން ފެނުމާ ގުޅިގެންނެވެ. ނަމަވެސް، މިއީ އޭނާ ކުރީ ދުވަހުގެ މެންދަމު ހަމައަށް މަސައްކަތް ކުރުމަށްފަހު ނިދާލި ނިދާލުމެކެވެ. މި ހާދިސާ ހިނގިތާ ދެ ހަފްތާ ފަހުން، ކުންފުނީގެ އެޗްއާރު ޑިޕާޓްމަންޓުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ މިސްޓަރ ޒަންގް ވަނީ "ވަރުބަލިކަމުގެ ސަބަބުން މަސައްކަތުގައި ނިދައިފަ" ކަމަށެވެ.
ލޭބަރ ޔޫނިއަނާ މަޝްވަރާކުރުމަށްފަހު، ކުންފުނިން ވަޒީފާއިން ވަކިކުރިކަމުގެ ރަސްމީ ނޯޓިސްއެއް ދީފައިވެއެވެ. މި ނޯޓިސްގައި ބުނެފައިވަނީ މިސްޓަރ ޒަންގްގެ ޢަމަލަކީ ކުންފުނީގެ ހަރުކަށި "ޒީރޯ-ޓޮލަރެންސް" ސިޔާސަތާ ޚިލާފު ޢަމަލެއް ކަމަށެވެ.
މިސްޓަރ ޒަންގް ދެކުނީ އޭނާ ވަޒީފާއިން ވަކިކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. އެހެންކަމުން، އޭނާ ކުންފުންޏާ ދެކޮޅަށް ޝަރީޢަތަށް ދިޔައެވެ. ޝަރީޢަތުން ނިންމީ، މަސައްކަތުގައި ނިދާލުމަކީ ފުރަތަމަ ފަހަރަށް ކުރެވުނު ކުށެއް ކަމަށާއި، އަދި މިކަމުގެ ސަބަބުން ކުންފުންޏަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި މިސްޓަރ ޒަންގްގެ 20 އަހަރުގެ ފާހަގަކޮށްލެވޭ ޚިދުމަތަށް ރިޢާޔަތްކޮށް، އެންމެ ފަހަރަކު ކުރެވުނު ކުށަކަށްޓަކައި ވަޒީފާއިން ވަކިކުރުމަކީ އެކަށީގެންވާ އަދި އިންސާފުވެރި ގޮތެއް ނޫން ކަމަށް ކޯޓުން ނިންމިއެވެ.
އެންމެ ފަހުން ކޯޓުން ނިންމީ މިސްޓަރ ޒަންގްގެ ފަރާތަށް ނިންމައި، ކުންފުނިން އޭނާއަށް 41.6 ލައްކަ ރުފިޔާގެ ބަދަލު ދިނުމަށެވެ.