ޚަބަރު
ކޯޓުން ނެރުނު އަމުރަށް ތަބާވުމަކީ ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމުކަމެއް: ރައީސް
ރައީސުލްޖުމްހޫރިއްޔާ/ފޮޓޯ: ރައީސް އޮފީސް
"އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ތަބާވުމަކީ ދިވެހި ހުރިހާ ރައްޔިތުންގެ މައްޗަށް ލާޒިމުކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، މިއަދު މިކަމާއި ގުޅިގެން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ކްރިމިނަލް ކޯޓުން ނެރިފައިވާ މި އަމުރާއި ގުޅިގެން ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަމަކީ ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ 3 ބާރު ވަކިވެފައި އޮތް ނިޒާމަކުން، ޝަރުއީ ދާއިރާއިން ކުރާ މަސައްކަތެއްކަމަށާއި، އެ ދާއިރާއިން އެކަން ކުރައްވާނެކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، މިހާރު ނެރެފައި އޮތް އަމުރަށް ތަބާވުމަކީ ހުރިހާ ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް އަންގައި އަމުރެއް ނެރެފައެވެ. ގާޒީ މުޒައްމިލު ނާސިރު ސޮއިކުރައްވައި ނެރުއްވި މި އަމުރުގައި ވަނީ، ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެ ވީޑިއޯ ޑޮކިއުމަންޓްރީ ފެތުރުން މަނާކޮށްފައެވެ.
މީގެ އިތުރުން، އެ ޑޮކިއުމަންޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށާއި، މައްސަލައިގެ ޚަސްމަކާ ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވެސް ކޯޓުން އަމުރުކޮށްފައިވާއިރު، މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވިދާނެ ކަމަށްވެސް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.
މި ކޯޓު އަމުރާ ޚިލާފުވެ، ކޯޓުގެ ހުރުމަށް ކެނޑޭ ފަދަ އެއްވެސް ޢަމަލެއް ނުހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ އެދިވަޑައިގެންފައެވެ.