Ads by Farudhun

ޚަބަރު

"ދިވެސް އަކުރު" ދިރުވައި އާލާކުރުމަށް ކޯހެއް ފަށައިފި

"ދިވެސް އަކުރު" ދިރުވައި އާލާކުރުމަށް ކޯހެއް ފަށައިފި

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދި. ފޮޓޯ: އެކަޑަމީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 މޭ 2026، 08:26

11 މޭ 2026، 08:26

ދިވެހިރާއްޖޭގެ ތާރީޚީ ލިޔުންތަކުގައި ބޭނުންކޮށްފައިވާ ދުވަސްވީ "ދިވެސް އަކުރު" ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ދިވެހިބަހުގެ އެކަޑަމީން ޚާއްޞަ ކޯހެއް ފަށައިފިއެވެ.

 ޖުމްލަ 20 ބައިވެރިންނާ އެކު ފެށި މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 10 ދުވަހުގެ މުއްދަތަކަށެވެ.

 ކޯސް ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން ޙަސަން ޝާކިރު ވިދާޅުވީ، މިއީ މީގެ ސާޅީހަކަށް އަހަރު ކުރިން ފެށިގެން މެދުކެނޑުމެއްނެތި އެކަޑަމީން ހިންގަމުން އަންނަ މުހިންމު ހަރަކާތެއް ކަމަށެވެ. އަދި މި އަކުރު ދަސްކުރުމަކީ ހަމައެކަނި މުޢާމަލާތްކުރަން ދަސްކުރުމުގެ ބަދަލުގައި، ދިވެހިންގެ މުއްސަނދި ތާރީޚަށް ލޯހުޅުވިގެންދާނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމަކީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ޕްރޮގްރާމެއްކަން ފާހަގަކުރައްވަމުން ޝާކިރު ވިދާޅުވީ، މިފަހަރުވެސް ކޯހުގައި ބައިވެރިވުމަށް 100 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބުނު ކަމަށެވެ. ނަމަވެސް ކޯހުގައި ޖާގަ ދެވެނީ 20 މީހުންނަށް ކަމަށްވާތީ، މިފަހަރު ޖާގަ ދީފައިވަނީ އެންމެ ފުރަތަމަ ފޯމު ހުށަހެޅި ވިހި ފަރާތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޯހުގެ ބައިވެރިންނާއި ވާހަކަދައްކަވަމުން އެކަޑަމީގެ ރައީސް ވަނީ ހުރިހާ ބައިވެރިންވެސް ފަރުވާތެރިކަމާ އެކު ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކުރުމަށް އެދިވަޑައިގެންފައެވެ. އަދި މިފަހަރު ޖާގަ ނުލިބުނު ނަމަވެސް، ދިވެސް އަކުރު ދަސްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ އެހެން ފަރާތްތަކަށް ކުރިއަށް އޮތް ތަނުގައި މި ފުރުޞަތު ފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އެކަޑަމީން ވަނީ ދީފައެވެ.

ޤާނޫނީ ގޮތުން ބަހުގެ އެކަޑަމީގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދެއްވާނީ މި ރޮނގުން ފުންނާބުއުސް ދެ ތަޖުރިބާކާރުންނެވެ. އެއީ މީގެ ކުރީގެ ގިނަ ބުރުތަކެއްގައި ވެސް ކިޔަވައިދެއްވާފައިވާ އަލްޤާރީ އަޙްމަދު ރަޝީދު ޢަބްދުލްޤާދިރާއި، އޭނާގެ އެހީތެރިޔާ ޚަދީޖާ ޙަސަން މަނިކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450