ޚަބަރު
ދެކުނާއި މެދުރާއްޖެތެރެއަށް ހުދު ސަމާލު، ކަނޑުތައް ގަދަވާނެ!
ކަނޑު ގަދަ ދުވަހެއްގައި ދަތުރުކުރަނީ/ފޮޓޯ: ދަ މިރޯ
މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިހާރު ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަކުރަމުންދާ ކަމަށާއި، ހުދު ސަމާލު ނެރިފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ، މިއަދު ހެނދުނު 09:30 އިން ފެށިގެން މެންދުރުފަހު 15:30 އާއި ހަމައަށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ހުދު ސަމާލު ނެރިފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަވާކުރެވޭކަމަށް މެޓުން ވިދާޅުވިއެވެ. ހަމަ އެހެންމެ، އެ ސަރަޙައްދުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
White Alert for strong winds and rough seas. pic.twitter.com/V3uBqd85i7
— Maldives Meteorology (@MetMaldives) May 12, 2026
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަކުރާނެކަމަށް ލަފާކޮށްފައިވާއިރު، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.