ޚަބަރު
އައްޑޫގެ އިޤްތިޞާދު ހަލުވިކުރުމަށް ބާއްވާ މަހާސިންތާގައި 500 އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީކޮށްފި
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ފޮޓޯ: ރައީސް އޮފީސް
އައްޑޫ ސިޓީއަކީ ވިޔަފާރިވެރިންގެ މަރުކަޒެއް ނުވަތަ 'ހަބެއް'ގެ ގޮތުގައި ތަރައްޤީކޮށް، އެ ސިޓީގެ އިޤްތިޞާދަށް ހަލުވި ބަދަލުތަކެއް ގެނައުމަށްޓަކައި ސަރުކާރުން ބާއްވާ ޚާއްސަ މަހާސިންތާގައި ބައިވެރިވުމަށް 500 އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދެއްވާފައިވާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މި މަހާސިންތާއާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ސަޢީދު ވިދާޅުވީ އައްޑޫ ސިޓީއަށް 'އެކްސްލެރޭޓެޑް ޑިވެލޮޕްމެންޓެއް' ނުވަތަ ހަލުވި ތަރައްޤީއެއް ގެނައުމަށްޓަކައި 2027 އިން 2029 އަށް ޚާއްސަ އިނާޔާތްތަކެއް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މަހުގެ 13 އަދި 14 ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާގެ މައިގަނޑު ބޭނުމަކީ ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާއި އެފަރާތްތަކުން އެންމެ ބޭނުންވާ ކަންކަން ދެނެގަތުމެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ އިތުރުން އެސްއެމްއީ އަދި ރީޓެއިލް ދާއިރާއަށް ޚާއްސަ އިނާޔަތްތަކެއް ދީގެން އައްޑޫގެ ވިޔަފާރި ކުރިއެރުވޭނެ ގޮތްތައް މި މަހާސިންތާގެ ތެރެއިން ދެނެގަނެވޭނެއެވެ.
ވަޒީރުންގެ މަޖިލީހުގައި ވަރަށް ބޮޑަށް އެ ވާހަކަތައް ދެކެވި، ކޮބާތޯ ރަނގަޅު ނަތީޖާއެއް ނެރުމަށް އައްޑޫއަށް ޚާއްސަކޮށްގެން ދެވިދާނެ އިނާޔަތްތަކަކީ ކޮބާތޯ ކުރެވޭނެ ކަންތައްތައް ދެނެގަތުމަށް. މިކަން ކުރާނީ ކިހިނެއްތޯ ބަލަން މަހާސިންތާ ބާއްވަނީ،
ވަޒީރު ސަޢީދު
މި މަހާސިންތާގައި އައްޑޫގައި ތިބި ވިޔަފާރިވެރިންގެ އިތުރުން، މާލޭގައި ތިބި އައްޑޫގެ ވިޔަފާރިވެރިންނާއި، ފަތުރުވެރިކަމާއި އިމާރާތްކުރުން ފަދަ ދާއިރާތަކުގެ ފަންނީ ބޭފުޅުން ބައިވެރިވާނެއެވެ. މީގެ އިތުރުން ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ އިސް ބޭފުޅުންނާއި، އައްޑޫ ސިޓީގައި ތިއްބެވި ޢިލްމީ ބޭފުޅުންވެސް މި ޑައިލޮގްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ބައްދަލުވުންތަކުގައި އައްޑޫގެ އިޤްތިޞާދު ކުރިއަށްގެންދިއުމަށްޓަކައި ސަރުކާރުން ކޮށްދޭންވީ ކަންކަމާއި، ދޭންޖެހޭ އިންސެންޓިވްސް ނުވަތަ އިނާޔަތްތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށެވެ.
މި މަހާސިންތާއިން ނިކުންނަ ނަތީޖާތަކާއި މަޝްވަރާތަކަށްފަހު، ވަޒީރުންގެ މަޖިލީހުގައި އެކަންކަން ދިރާސާކޮށް، ދޭނެ އިނާޔަތްތައް ރަސްމީކޮށް ކަނޑައަޅާނެއެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިއީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދާ މަސައްކަތެކެވެ. އައްޑޫ ސިޓީގައި މި އިޤްތިޞާދީ މޮޑެލް ކާމިޔާބުކަމާއެކު ތަންފީޒުކުރެވިއްޖެނަމަ، ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް މިފަދަ މޮޑެލްތައް ތަޢާރަފްކުރުމަކީ ސަރުކާރުގެ ބޮޑު މަޤްސަދެކެވެ.