ވިޔަފާރި / ޚަބަރު
ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ހިންގާ އޮޕަރޭޝަން: 102 ތަނެއް ބަންދުކޮށްފި
އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގަމުންދާ ވިޔަފާރިތައް ދެނެގަނެ، އެތަންތަން ބަންދުކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 242 ތަނެއް ބަލައިފާސްކޮށް، 102 ތަނެއް ބަންދުކޮށްފައިވާ ކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި އޮޕަރޭޝަނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، ބިދޭސީން ނުގަވާއިދުން ވިޔަފާރިކުރާ މައްސަލަ ހައްލުކުރުމަށް ފާއިތުވި އަހަރުގެ ނޮވެންބަރު 29 ގައި ފެށި މަސައްކަތެކެވެ.
ވަޒީރު ސައީދު ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަން ފެށިފަހުން ބިދޭސީން ނުގަވާއިދުން ހިންގާ ވިޔަފާރިތަކާ ގުޅިގެން 409 ޝަކުވާއެއް ވުޒާރާއަށް ވަނީ ލިބިފައެވެ. ބަންދުކުރެވުނު ތަންތަނުގެ ތަފްސީލް ދެއްވަމުން ވަޒީރު ވިދާޅުވީ، އޭގެ ތެރޭގައި ކަނޑައެޅިގެން ގާނޫނާ ހިލާފަށް ހިންގަމުންދިޔަ 57 ތަނަކާއި، ސެލޫން އަދި ސްޕާގެ ގޮތުގައި ހިންގަމުންދިޔަ 45 ތަނެއް ހިމެނޭ ކަމަށެވެ.
ބަންދުކުރެވުނު ކޮންމެ ތަނެއް ބަންދުކޮށްފައި ބަހައްޓަނީއެއް ނޫން. ބަންދުކޮށްފައި މިބަލަނީ އޭގައި އިލީގަލް ޕްރެކްޓިސަސް ހުރިތޯ. ނުގަވާއިދުން ހިންގި ވިޔަފާރިއެއް ނޫން ނަމަވެސް، އިސްލާހުކުރަންޖެހޭ ކަންކަން ހުރުމުން ބަންދުކުރި ތަންތަނުގެ ތެރެއިން 61 ތަނެއް، އެކަންކަން ރަނގަޅުކުރުމުން އަލުން ހުޅުވަން ހުއްދަ ދީފައިވާނެ،
ވަޒީރު
މި އޮޕަރޭޝަން ކުރިއަށް ގެންދަނީ އިގުތިސާދީ ވުޒާރާއާއި، ދިވެހި ފުލުހުންގެ ހިދުމަތާއި އަދި ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތައް ގުޅިގެންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ގިނަ ފަހަރަށް ޝަކުވާ ލިބިގެން ބަލާއިރު ވިޔަފާރީގެ މިލްކުވެރިއަކަށް ހުންނަނީ ދިވެއްސެކެވެ. ނަމަވެސް އަމަލީ ގޮތުން ވިޔަފާރި ހިންގަނީ ބިދޭސީންނެވެ. މިފަދަ ހާލަތްތަކުގައި އެ ބިދޭސީންނަކީ ގަވާއިދާ އެއްގޮތަށް ރާއްޖޭގައި އުޅޭ ބައެއްތޯވެސް މިހާރު ދަނީ ބަލަމުންނެވެ.
މީގެ އިތުރުން، ދިވެހިންގެ ނަމުގައި ފަހަތުގައި ތިބެގެން ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަތުމަށްޓަކައި، މީރާއާއި ބޭންކު އެކައުންޓުތަކުން ފައިސާ ދައުރުވާ ގޮތް ބެލުމަށް ބިޒްނަސް ކައުންސިލުން ލަފާދީފައިވާ ކަމަށާއި، އެ މަގަށް ހައްލު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ވަޒީރު މުހައްމަދު ސައީދު ވިދާޅުވިއެވެ.