ވިޔަފާރި / ޚަބަރު

އިންޑިއާގެ މަޝްހޫރު އީކޮމާސް ޕްލެޓްފޯމްތަކުން ވިޔަފާރިކުރެވޭ "ގްލޯބަލް ދުކާން" ގެ ހިދުމަތް ތައާރަފްކޮށްފި

އިންޑިއާގެ މަޝްހޫރު އީކޮމާސް ޕްލެޓްފޯމްތަކުން ވިޔަފާރިކުރެވޭ "ގްލޯބަލް ދުކާން" ގެ ހިދުމަތް  ތައާރަފްކޮށްފި

ގްލޯބަލް ދުކާން ފޮޓޯ: މޯލްޑިވްސް ޕޯސްޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 މޭ 2026، 12:20

12 މޭ 2026، 12:20

އިންޑިއާގެ މަޝްހޫރު އީކޮމާސް ޕްލެޓްފޯމްތަކުން ވިޔަފާރިކުރުމުގައި ދިވެހިންނަށް ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓް ގުޅިގެން "ގްލޯބަލް ދުކާން"  ގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

މި އައު ހިދުމަތާއެކު، އިންޑިއާގެ އެންމެ މަޝްހޫރު މާކެޓްޕްލޭސްތައް ކަމަށްވާ އެމެޒަން، މިންތްރާ، ފްލިޕްކާޓް، ނައިކާ، ނައިކާ ފެޝަން އަދި އިކިއާ ފަދަ ޕްލެޓްފޯމްތަކުން ދިވެހިންނަށް މިހާރު ފަސޭހަކަމާއެކު މުދާ ގަނެވޭނެއެވެ. މި ހިދުމަތުގެ ދަށުން ގަންނަ ތަކެތި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ނަމަވެސް، އެ މީހަކު ހުރި ތަނަކަށް ޑެލިވަރީ ކޮށްދިނުމުގެ އިންތިޒާމް މޯލްޑިވްސް ޕޯސްޓުން ވަނީ ފަހިކޮށްދީފައެވެ.

"ގްލޯބަލް ދުކާން" މެދުވެރިކޮށް ފެޝަން، ލައިފްސްޓައިލް، އިލެކްޓްރޯނިކްސް، ގޭތެރެއާއި ބަދިގެއަށް ބޭނުންވާ ސާމާނުގެ އިތުރުން ބިއުޓީ އެންޑް ވެލްނެސްގެ އުފެއްދުންތައް ލިބެން ހުންނާނެއެވެ. މި ހިދުމަތުގެ އެންމެ ބޮޑު އެއް ފަސޭހައަކީ، އިންޑިއާގެ ވެބްސައިޓްތަކުން ވިޔަފާރިކުރާއިރު އާންމުކޮށް ބޭނުންވާ އިންޑިއާގެ އެޑްރެހެއް މި ހިދުމަތް ބޭނުންކުރާއިރު ބޭނުންނުވުމެވެ. މިއީ އިންޑިއާގެ މާކެޓުން މުދާ ގަންނަން ބޭނުންވާ ދިވެހިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ.

ގްލޯބަލް ދުކާން މެދުވެރިކޮށް ވިޔަފާރިކުރާނެ ގޮތް:

މި ހިދުމަތް ހޯދުމަށްޓަކައި އެޕް ސްޓޯރ ނުވަތަ ޕްލޭ ސްޓޯރ އިން "Global Ducan" އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެއެވެ. ނުވަތަ www.globalducan.com ވެބްސައިޓް މެދުވެރިކޮށްވެސް ވިޔަފާރިކުރެވޭނެއެވެ. އެޕަށް ލޮގިންވުމަށްފަހު، ހޯމް ސްކްރީނުން ފެންނަން ހުންނަ އިންޑިއާގެ އެކި ޕްލެޓްފޯމްތަކުގެ ތެރެއިން ބޭނުންވާ ފިހާރައެއް ހިޔާރުކުރެވޭނެއެވެ.


މި ޕްލެޓްފޯމްގެ ހާއްސަ ސިފައަކީ ވަކިވަކި ވެބްސައިޓްތަކަށް ސައިންއިން ކުރަން ނުޖެހި، "Shop via Global Ducan" އަށް ފިތާލުމުން އައިޓަމްތައް ކާޓަށް އިތުރުކުރެވުމެވެ. އަދި ތަފާތު އެކި ވެބްސައިޓްތަކުން ގަންނަ ތަކެއްޗަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.

މި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް މޯލްޑިވްސް ޕޯސްޓްގެ ކޯލް ސެންޓަރު ނަންބަރު 3315555 އަށް ގުޅުއްވުމަށް ނުވަތަ ޕޯސްޓްގެ ވެބްސައިޓްގައިވާ 'ޓޯކް' މެދުވެރިކޮށް މެސެޖު ކުރެއްވުމަށް މޯލްޑިވްސް ޕޯސްޓުން އިލްތިމާސްކުރެއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450