ޚަބަރު
ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު އިންޑިއާއަށް ފުރާވަޑައިގެންފި
ޚާރިޖީ ވަޒީރު/ފޮޓޯ: ރައީސް އޮފީސް
އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ އެސް ޖައިޝަންކަރްގެ ދަޢުވަތުފުޅަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
ޚާރިޖީ ވަޒީރު އިންޑިއާއަށް ކުރައްވާ މިދަތުރުފުޅަކީ، އެކަމަނާ ޚާރިޖީ ވުޒާރާގެ ވަޒީރުކަމާ ހަވާލުވެވަޑައިގެންފަހުން، ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަން ފާހަގަކޮށްލެވެއެވެ.
އިންޑިއާގެ ނިއުދިއްލީއަށް ކުރައްވާ މި ދަތުރުފުޅުގައި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް ޖައިޝަންކަރު އާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދިވެހިރާއްޖެ އާއި އިންޑިއާ ދެމެދު ގިނަ ރޮނގުތަކަކުން ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރެވިގެންދާނެއެވެ.
މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރުގެ އަރިހުގައި ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އަދި އެސިސްޓަންޓް ޑިރެކްޓަރ އާމިނަތު ގުރޭޝާ ބައިވެރިވެރިވެވަޑައިގަންނަވާނެއެވެ.