ޚަބަރު
ޕީއެންސީގެ ޖަގަހަ ޖަލްސާއެއް މިމަހުގެ 14 ވަނަ ރޭ ބާއްވަނީ
ޕީއެންސީގެ ޖަލްސާއެއްގެ ތެރެއިން. ފޮޓޯ: ޕީއެންސީ
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބާއްވާ ޚާއްޞަ ޖަގަހަ ޖަލްސާއެއް މިމަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ރޭ 20:30 ގައި ހ. ވެޔޮވިލާގައި ހުންނަ އެ ޕާޓީގެ މައި އޮފީސް (ޖަގަހަ) ގައެވެ.
މި ޖަލްސާއަކީ 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޯދާފައިވާ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ޙަފްލާއެއް ކަމަށް އެ ޕާޓީން މަޢުލޫމާތުދެއެވެ. ޕީއެންސީން ވަނީ މި އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް ހޯދާފައެވެ.
ޕީއެންސީން ބުނީ މި އުފާވެރި މުނާސަބަތުގައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ޕާޓީގެ ލޮބުވެތި މެންބަރުންނާއި ޕާޓީއަށް ތާއިދުކުރައްވާ އެންމެހާ ބޭފުޅުންނަށް ވަރަށް ޚާއްޞަ ދަޢުވަތެއް އަރުވާ ކަމަށެވެ. ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ އެ ޕާޓީގެ އޮފީސް ސަރަޙައްދުގައެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ މި ޖަލްސާގައި ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއީ އިންތިޚާބަށްފަހު ޕާޓީގެ މެންބަރުންނާ ބައްދަލުކޮށް، ޝުކުރު އަދާކުރުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ.