ދުނިޔެ
ތެހެރާން ކައިރިއަށް ބިންހެލުންތަކެއް އަތުވެއްޖެ
ތެހެރާންެ. ފޮޓޯ:ރޮއިޓާސް
އީރާނުގެ ވެރިރަށް ތެހެރާންގެ އިރުމަތީގައިވާ ފަރުދީސް ސަރަޙައްދަށް ރޭގެ ވަގުތެއްގައި ނުވަ ބިންހެލުން އައިސްފައިވާ ކަމަށް އެ ޤައުމުގެ މެހެރު ނިއުސް އެޖެންސީން ބުދަ ދުވަހު ރިޕޯޓްކޮށްފިއެވެ. ނަމަވެސް މިއީ ކުދި ބިންހެލުންތަކެއް އެ އެޖެންސީއިން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން ތެހެރާނަށް ބޮޑު ބިންހެލުމެއް އަތުވެދާނެކަމުގެ ބިރުވެރިކަން ކަމާބެހޭ މާހިރުންނާއި އާންމުންގެ މެދުގައި ވަނީ އަލުން އުފެދިފައެވެ.
ތެހެރާންގެ އިރުމަތީ ޕްރޮވިންސަށް އައި މި ބިންހެލުންތައް ރެކޯޑްކުރެވިފައިވަނީ އެ ޤައުމުގެ އެންމެ ހަރަކާތްތެރި އެއް ފޯލްޓް ލައިން ކަމަށްވާ މޯޝާ ފޯލްޓް ކައިރިންނެވެ. ގާތްގަނޑަކަށް 150 ކިލޯމީޓަރުގެ ދިގުމިން ހުންނަ މި ފޯލްޓް ލައިން އޮންނަނީ ވެރިރަށް ތެހެރާނާ ގާތްގަނޑަކަށް 40 ކިލޯމީޓަރު ދުރުގައެވެ. މި ސަރަޙައްދަކީ އާންމުކޮށް ބިންހެލުން އަންނަ ތަނެއް ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ ބިންހެލުންތަކެއް އައުމަކީ އާދަޔާ ޚިލާފު ކަމެއްގެ ގޮތުގައި މާހިރުން ފާހަގަކުރެއެވެ.
ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މީގެ ތެރެއިން އެންމެ ބާރުގަދަ ބިންހެލުން ހުރީ ރިކްޓަރ މިންގަނޑުން 4.6 ގައެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށާއި، މާއްދީ އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ސައިސްމޮލޮޖިސްޓް މެހްދީ ޒާރޭ މެހެރު ނިއުސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މި ބިންހެލުންތަކަކީ ކުރިއަށް އޮތް ބޮޑު ބިންހެލުމެއްގެ އިންޒާރެއް ކަމެއް ނުވަތަ ބިމުގެ އަޑީގައި ހުރި ހަކަތަ ބޭރުވެ ނުރައްކާ ކުޑަވީ ކަމެއް އަދި ސާފުނުވާ ކަމަށެވެ. ނަމަވެސް ތެހެރާނަކީ އާބާދީ ބޮޑު، އިމާރާތްތައް ފިތިފިތިގެން ހުރި ސިޓީއަކަށް ވުމުން، ކުޑަ ބިންހެލުމަކުންވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
14 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ތެހެރާން އޮންނަނީ ނޯތު ތެހެރާން، މޯޝާ އަދި ރޭ ފަދަ ބާރުގަދަ ފޯލްޓް ލައިންތަކެއްގެ ކައިރީގައެވެ. އީރާނުގެ މާހިރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ތެހެރާނަށް އަންނަ ބޮޑު ބިންހެލުމެއްގެ ނަތީޖާ ވަރަށް ހިތްދަތިވާނެ ކަމަށެވެ.
އީރާނަކީ ދުނިޔޭގައިވެސް އެންމެ ގިނައިން ބިންހެލުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. 2003 ވަނަ އަހަރު ބާމް ސިޓީއަށް އައި ބާރުގަދަ ބިންހެލުމުގައި 30,000 އަށްވުރެ ގިނަ މީހުން މަރުވި ހާދިސާގެ ހަނދާންތައް އަދިވެސް އެގައުމުގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއެކު ދެމިއޮވެއެވެ.