ޚަބަރު
ޙައްޖާޖީން ފުރުމަށް ޚާއްޞަ އިންޒާމްތަކެއް ވާނީ ހަމަޖައްސާފައި: އެމްއޭސީއެލް
ދިވެހި ޙައްޖުވެރިން ފުރަނީ. ފޮޓޯ:އެމްއޭސީއެލް
1447 ވަނަ އަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީ އަރަބިއްޔާއަށް ފުރާ ޙައްޖާޖީންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭއީއެލްއިން މި އިންތިޒާމުތައް ހަމަޖައްސާފައިވަނީ އިސްލާމީ ކަންތައްތަކާ އައުޤާފާބެހޭ ވުޒާރާ އާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެންނެވެ. މި އަހަރު ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ދެ ފްލައިޓާއި ސައުދިއާގެ ދެ ފްލައިޓުގައެވެ. މި ފްލައިޓްތައް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހުއެވެ.
އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި މި ފްލައިޓްތަކުން ފުރާ ޙައްޖާޖީންނަށް "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ޚާއްޞަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސައިފައެވެ. އޭގެ ތެރެއިން 15 މޭ 2026 ވާ ހުކުރު ދުވަހު ފުރާ ސައުދިއާގެ ފުރަތަމަ ފްލައިޓުން 242 ޙައްޖާޖީން ފުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ދުވަހު ޙައްޖުވެރިން ގޮވައިގެން އަންނަ ބަސްތައް މަޑުކުރާނީ ވީއައިއޭގެ ކުރީގެ ޑޮމެސްޓިކް ޓަރމިނަލް ކުރިމައްޗަށެވެ.
މީގެ އިތުރުން، 15 ވަނަ ދުވަހު ފުރާ ޙައްޖާޖީންނަށް ހުކުރު ނަމާދުކުރުމުގެ އިންތިޒާމު އެހެން އަހަރުތަކެކޭ އެއްފަދައިން ވޯޓަރ ފްރަންޓު އިމާރާތުގެ ތިރީގައި ވަނީ ހަމަޖައްސާފައެވެ. އަދި 17، 18 އަދި 19 ވަނަ ދުވަހު ފުރާ ޙައްޖާޖީން ގޮވައިގެން އަންނަ ބަސްތައް މަޑުކުރާނީ ޓަރމިނަލް 2 ގެ ޑްރޮޕް-އޮފް ސަރަޙައްދަށެވެ. މި ދުވަސްތަކުގައި ޙައްޖާޖީން މަޑުކުރުމަށް ހަމަޖެހިފައިވަނީ ޓަރމިނަލް 2 ގެ ކޮންކޯސް އޭރިއާގައެވެ.
ޙައްޖާޖީން ފުރުމުގެ އެންމެހާ ކަންކަން ފަސޭހަކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، އެއަރޕޯޓުގެ އޮފިޝަލުން އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުން ދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ޔަޤީންކަން ދީފައެވެ.