ދުނިޔެ
ސީޒްފަޔާރގެ ފަހުން ލުބްނާންގެ 380 މީހުން މަރާލައިފި
ލުބްނާނަށް ދިން ހަމަލާއެއްގެ ސަބަބުން ދުން އަރަނީ. ފޮޓޯ:އޭއެފްޕީ
އިޒްރޭލާއި ހިޒްބުالله އާ ދެމެދު މިދިޔަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމުކުރި ފަހުން، އިސްރާއިލުން ދެމުންދާ ހަމަލާތަކުގައި ލުބުނާނުގެ 380 މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓަރު ރާކަން ނަސީރުއްދީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ހަމަލާ ހުއްޓާލި ފަހުން 380 މީހުން މަރުވެފައިވާއިރު، 1،122 މީހުން ވަނީ ޒަހަމްވެފައެވެ. މަރުވި މީހުންގެ ތެރޭގައި 39 އަންހެނުންނާއި 22 ކުޑަކުދިން ހިމެނޭ ކަމަށް މިނިސްޓްރީގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފައެވެ. މާޗް މަހުގެ 2 ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ޖުމްލަ 2،882 މީހުން ވަނީ މަރުވެފައެވެ.
އެމެރިކާގެ މެދުވެރިވުމާއެކު އެކުލަވާލި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ކުރިމަތިވެދާނެ ހަމަލާއަކުން ދިފާއުވުމުގެ ނަމުގައި ހަމަލާ ދިނުމުގެ އިޚުތިޔާރު އިސްރާއިލަށް ވަނީ ދީފައެވެ. މި އެއްބަސްވުމުގެ ފަހުންވެސް އިސްރާއިލުން ދަނީ ވައިގެ ހަމަލާތަކުގެ އިތުރުން، ބޯޑަރުގެ އުތުރުން 10 ކިލޯމީޓަރު ސަރަޙައްދެއްގައި އެ ޤައުމުގެ ސިފައިން ހަރަކާތްތެރިވަމުންނެވެ.
ޞިއްޙީ ޚިދުމަތްތެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ގުޅިގެން ނަސީރުއްދީން ވިދާޅުވީ، "މިއީ ގަތުލުއާންމެއް. އެމްބިއުލާންސްތަކުގައި ހަނގުރާމަވެރިންނެއް ނުތިބޭނެ. އޭގައި ހުންނާނީ ހަމައެކަނި ސިއްހީ ސާމާނާއި ޒަހަމްވެފައިވާ މީހުން،" ކަމަށެވެ. މި ހަނގުރާމައިގައި މިހާތަނަށް 108 ސިއްހީ ހިދުމަތްތެރިން މަރުވެ، 16 ހޮސްޕިޓަލަކަށް ވަނީ ގެއްލުން ލިބިފައެވެ.
އިސްރާއިލުން ތުހުމަތު ކުރާ ގޮތުގައި ހިޒްބުاللهއިން ދަނީ އެމްބިއުލާންސްތަކާއި ޞިއްޙީ މަރުކަޒުތައް އަސްކަރީ ބޭނުންތަކަށް ބޭނުންކުރަމުންނެވެ. ނަމަވެސް ހިޒްބުاللهއިން މި ތުހުމަތުތައް ދޮގުކުރެއެވެ. މި ހަނގުރާމަ ފެށުނީ އީރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ހިޒްބުاللهއިން އިސްރާއިލަށް ރޮކެޓް ހަމަލާ ދޭން ފެށުމުންނެވެ.
ލުބުނާނުގެ ލީޑަރުން ވަނީ އިސްރާއިލުގެ ހަމަލާތައް ހުއްޓުވުމަށް އިސްރާއިލަށް ބާރު އެޅުމަށް އެމެރިކާގެ ކިބައިން އެދިފައެވެ. މި އެދުމާ އެކު، މި ހަފުތާގެ ފަހުކޮޅު ވޮޝިންޓަންގައި ލުބުނާނާއި އިސްރާއިލްގެ މަންދޫބުން ބައްދަލުކޮށް ސީދާ މަޝްވަރާތަކުގެ ތިންވަނަ ބުރެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.