Ads by Farudhun

ޚަބަރު

ވީއައިއޭގައި މައްކާ ރޫޓްގެ ސެޓަޕް ހަދައިފި؛ މިއަހަރުވެސް ޙައްޖުވެރިންނަށް ބޮޑު ލުއިފަސޭހައެއް!

ވީއައިއޭގައި މައްކާ ރޫޓްގެ ސެޓަޕް ހަދައިފި؛ މިއަހަރުވެސް ޙައްޖުވެރިންނަށް ބޮޑު ލުއިފަސޭހައެއް!

ވީއައިއޭގައި މައްކާ ރޫޓްގެ ސައުދީ ޓީމް ސެޓަޕް ގާއިމްކުރުން ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 މޭ 2026، 09:03

14 މޭ 2026، 09:03

1447 ވަނަ އަހަރު ރާއްޖެއިން ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ފުރާ ޙައްޖުވެރިންނަށް ލިބޭނެ އެންމެ ބޮޑު ލުއިފަސޭހައަކީ "މައްކާ ރޫޓް އިނިޝިއޭޓިވް" އެވެ. މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސައުދީ ޢަރަބިއްޔާގެ ޚާއްސަ ޓީމެއް މިހާރު ރާއްޖެ އައިސްފައިވާއިރު، ވެލަނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި މިކަމަށް ބޭނުންވާ ސެޓަޕްތައް މިހާރު ވަނީ ގާއިމުކޮށްފައެވެ.

މިދިޔަ އަހަރު ރާއްޖެއަށް އަލަށް ތަޢާރަފްކުރި މި ޚިދުމަތް މިއަހަރުވެސް ދިވެހި ޙައްޖުވެރިންނަށް ލިބިގެންދާނެއެވެ. މިއީ ސައުދީ ވިޝަން 2030 ގެ ދަށުން 2018 ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ ހައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ކާމިޔާބު މަޝްރޫޢެކެވެ.

މި އިނިޝިއޭޓިވްގެ ސަބަބުން ޙައްޖުވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ތަކުލީފު ކަމުގައިވާ، އެއަރޕޯޓުގައި ލަގެޖް ނުލިބިގެން ގިނަ ވަގުތު ހޭދަކުރަންޖެހުމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. މީގެ ކުރިން ދިގު ދަތުރަކަށްފަހު ޖިއްދާ އެއަރޕޯޓަށް ފައިބައި، އިމިގްރޭޝަން ކިއޫގައި މަޑުކޮށް، އަދި ލަގެޖް ހޯދުމުގައި ޙައްޖުވެރިން އިންތިހާއަށް ވަރުބަލިކަން ތަހައްމަލު ކުރަންޖެހެއެވެ. ނަމަވެސް، މައްކާ ރޫޓްގެ ދަށުން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަން ކަންކަން ފުރިހަމަ ކުރެވޭނީ ރާއްޖޭގެ އެއަރޕޯޓުންނެވެ.

މިއަހަރުގެ ޙައްޖުވެރިންގެ ބަޔޯމެޓްރިކްސް (އިނގިލީގެ ނިޝާނާއި މޫނުގެ ފޮޓޯ) ނެގުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި އިންތިޒާމުގެ ދަށުން، ޙައްޖުވެރިންގެ ފޮށިތައް ޖިއްދާ އެއަރޕޯޓުން ނަގަން ނުޖެހި، ސީދާ އެމީހަކު ހުންނަ ހޮޓަލަކަށް ސައުދީ ޕޯސްޓުގެ ދަށުން ހިންގާ "ސުބުލް އޮތޯރިޓީ" އިން ފޯރުކޮށްދޭނެއެވެ. އެހެންކަމުން ޙައްޖުވެރިން ފްލައިޓުން ފައިބައިގެން ސީދާ ބަހަށް އަރައިގެން ހޮޓަލަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ.

ސައުދީގެ އެޑްވާންސް ޓީމުން ބުނެފައިވަނީ، މިދިޔަ އަހަރަށްވުރެ މިއަހަރުގެ ޚިދުމަތްތައް ފުރިހަމަވެފައި އަވަސްވާނެ ކަމަށެވެ. މިއަހަރުގެ ފުރަތަމަ ޙައްޖު ގްރޫޕް ހުކުރު ދުވަހު ފުރަން ހަމަޖެހިފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ޙައްޖުވެރިންނަށް ވީހާވެސް އޮމާން ދަތުރެއް ހަމަޖައްސައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450