Ads by Farudhun

ޚަބަރު

ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އަވަސްކުރުމަށް މަޝްވަރާކޮށްފި

ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އަވަސްކުރުމަށް މަޝްވަރާކޮށްފި

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު މިޔުޝް ގޯޔާލްއާއެކު ބޭއްވި ރަސްމީ ބައްދަލުކުރެއްވުން ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 މޭ 2026، 11:57

14 މޭ 2026، 11:57

ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތްތައް ހަލުވިކޮށް އަވަސްކުރުމާ ގުޅޭގޮތުން ދެ ގައުމުގެ މެދުގައި މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު މިޔުޝް ގޯޔާލްއާއެކު ބޭއްވި ރަސްމީ ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ޚާރިޖީ ވަޒީރު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާން ދަތުރުފުޅުގެ ތެރެއިންނެވެ.

ބައްދަލުވުމަށްފަހު ޚާރިޖީ ވަޒީރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތައް އަވަސްކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖެ-އިންޑިއާ ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީ ކުރިއަށް ގެންދިއުމަށާއި، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އަދި ފައިސާގެ މުއާމަލާތްތައް ފަސޭހަކުރުމަށްޓަކައި ހަރުދަނާ ނިޒާމެއް ތަރައްގީކުރުމާ ގުޅޭގޮތުންވެސް ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް އިގްތިސާދީ ގުޅުން ބަދަހިކުރުމަށްޓަކައި ދެ ގައުމުގެ ވިޔަފާރިވެރިން ގުޅިގެން މަސައްކަތްކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ބޭނުންވާ 'ޓާމްސް އޮފް ރިފަރެންސް' (ޓީއޯއާރް) ގައި ދެ ގައުމުން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުއެވެ. ޓީއޯއާރް އަކީ ފުރިހަމަ އެއްބަސްވުމަކަށް ދިއުމުގެ ކުރިން ވިޔަފާރި ކުރިއަށްދާނެ ދާއިރާތަކާއި އުސޫލުތައް ކަނޑައަޅާ މައިގަނޑު އޮނިގަނޑެވެ.

މިފަދަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން ގިނަ ބާވަތްތަކެއްގެ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުން ނުވަތަ މުޅިން އުނިކުރުން ހިމެނޭނެއެވެ. އަދި ހިދުމަތްތަކުގެ ވިޔަފާރި ފަސޭހަކުރުމާއި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތަކަށް ހިތްވަރުދީ، ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450