ދުނިޔެ

ޓްރަމްޕްގެ ދައުވާތަކާ ހިލާފަށް އީރާނުގެ މިސައިލް ގާބިލުކަން އަދިވެސް ވަރުގަދަ

ޓްރަމްޕްގެ ދައުވާތަކާ ހިލާފަށް އީރާނުގެ މިސައިލް ގާބިލުކަން އަދިވެސް ވަރުގަދަ

އިރާންގެ ވެރިރަށް ތެހެރާން. ފޮޓޯ:ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 މޭ 2026، 05:26

14 މޭ 2026، 05:26

އީރާނުގެ އަސްކަރިއްޔާ ވަނީ "ފުނޑުފުނޑުވެފައި" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް، އެ ގައުމުގެ މިސައިލް ގާބިލުކަން އަދިވެސް ވަރަށް ވަރުގަދަކޮށް އޮތްކަން އެމެރިކާގެ ކްލެސިފައިޑް އިންޓެލިޖެންސް ރިޕޯޓްތަކުން ހާމަވެއްޖެއެވެ.

 އަންގާރަ ދުވަހު އާންމުކުރި މި ރިޕޯޓްގައިވާ ގޮތުން އީރާނުގެ އަސްކަރީ ބާރުތައް ކުރިން ހީކުރި ވަރަށް ވުރެ މާ ވަރުގަދައެވެ.

ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެއި މަހުގެ ކުރީކޮޅުގެ އިންޓެލިޖެންސް ހޯދުންތަކުން ދައްކާ ގޮތުގައި އީރާނުން ވަނީ އެ ގައުމުގެ ގިނަ މިސައިލް ސައިޓްތަކެއް އަލުން އޮޕަރޭޝަނަލް ހާލަތަށް ގެނެސްފައެވެ. މީގެ ތެރޭގައި ސްޓްރެއިޓް އޮފް ހޯރްމޫޒް ކައިރީގައި ހުރި 33 މިސައިލް ސައިޓްގެ ތެރެއިން 30 ސައިޓެއް ހިމެނެއެވެ.

މި އެސެސްމަންޓްތަކާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، ހަނގުރާމައިގެ ކުރިން އީރާނުގައި ހުރި މިސައިލް ސްޓޮކްޕައިލްގެ ގާތްގަނޑަކަށް 70 އިންސައްތަ އާއި މޮބައިލް ލޯންޗަރުތައް އަދިވެސް އެ ގައުމުގެ އަތުގައި އެބަހުއްޓެވެ. މީގެ އިތުރުން، މުޅި ގައުމުގައި ހުރި އީރާނުގެ ބިންގަރާސް މިސައިލް ރައްކާކުރާ އަދި ފޮނުވާލާ ތަންތަނުގެ 90 އިންސައްތަ މިހާރު ހުރީ ފުރިހަމައަށް ނުވަތަ ބައެއް ގޮތްގޮތުން އޮޕަރޭޝަނަލް ހާލަތުގައެވެ.

މި ރިޕޯޓްތަކާ ގުޅިގެން ވައިޓް ހައުސްގެ ތަރުޖަމާނު އޮލީވިއާ ވޭލްސް ބުނީ އީރާނުގެ މިހާރުގެ ހާލަތަކީ ދެމެހެއްޓޭނެ ހާލަތެއް ނޫންކަން އެ ގައުމުގެ ސަރުކާރަށް އެނގޭނެ ކަމަށެވެ. އަދި އީރާނުން އަސްކަރިއްޔާ އަލުން ބިނާކޮށްފި ކަމަށް ގަބޫލުކުރާ ކޮންމެ މީހަކީ "ވަހުމެއްގައި އުޅޭ މީހެއް" ނުވަތަ އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ މަސްލަހަތު ދަމަހައްޓާ މީހެއް ކަމަށް އޭނާ ސިފަކުރިއެވެ.

ސަރަހައްދީ މަސްލަހަތު ގޯސްވެފައިވަނީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. މީގެ ރައްދުގައި އީރާނުން ވަނީ އިސްރާއީލާއި ގަލްފުގައި ތިބި އެމެރިކާގެ އެކުވެރިންނަށް ހަމަލާދީ، ސްޓްރެއިޓް އޮފް ހޯރްމޫޒް ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ މެދުވެރިކަމާއެކު އޭޕްރިލް 8 ގައި ދެ ހަފުތާގެ މުއްދަތަށް ހަމަލާބަދަލުކުރުން ހުއްޓާލި ނަމަވެސް، އިސްލާމްއާބާދުގައި ބޭއްވި މަޝްވަރާތަކުން ދާއިމީ ހައްލެއް ނުފެނުނެވެ. މި ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް އީރާނުން ދިން އެންމެ ފަހުގެ ޖަވާބު ރައީސް ޓްރަމްޕް ވަނީ ބަލައިނުގަނެވޭނެ ކަމަށް ބުނެ ބޭރުކޮށްލައިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450