ޚަބަރު
ޙުކުމާއެކު މީދޫ ކައުންސިލް ރައީސް ހޮވަން އަލުން އިންތިޚާބު ބާއްވަން ޖެހިއްޖެ
އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ. ފޮޓޯ: އިލެކްޝަންސް
މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސަކު ހޮވުމަށް ބޭއްވި އިންތިޚާބުގައި ބާތިލްކުރި ވޯޓެއް ސައްހަ ކަމަށް ހައި ކޯޓުން މިއަދު ހުކުމް ކުރުމާއެކު، ދެ ކެންޑިޑޭޓުންގެ ނަތީޖާ އެއްވަރުވެ، އަލުން އިންތިޚާބު ބާއްވަން ޖެހިއްޖެއެވެ.
މި މައްސަލަ ހައި ކޯޓަށް ހުށަހެޅީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމްގެ ފަރާތުންނެވެ.
މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ އެމްޑީއޭގެ ފަރާތުން މުހައްމަދު ޝާހިދާއި ޕީއެންސީގެ ފަރާތުން ސުހާ އިބްރާހިމެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުރަތަމަ ނަތީޖާ އިއުލާން ކުރިއިރު ސުހާއަށް 393 ވޯޓު ލިބިވަޑައިގެންނެވި ނަމަވެސް، އެމްޑީއޭގެ ކެންޑިޑޭޓުގެ އެދުމަށް ވޯޓުތައް އަލުން ގުނުމުން ސުހާގެ ދެ ވޯޓެއް ބާތިލްކޮށް ޝާހިދު އިންތިޚާބު ކާމިޔާބު ކުރި ކަމަށް ވަނީ ނިންމާފައެވެ.
ހައި ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ސުހާއަށް ލިބުނު ދެ ވޯޓުގެ ތެރެއިން އެއް ވޯޓުގައި ޖަހާފައިވާ ފާހަގައިގެ މަތިން އިތުރަށް ފަވާފައިވީ ނަމަވެސް، އެއީ ކާކަށް ދިން ވޯޓެއްކަން ސާފުކޮށް އެނގެން އޮތުމުން އެއީ ސައްހަ ވޯޓެއް ކަމަށް ބަލަންޖެހޭ ކަމަށެވެ. ނަމަވެސް ބާތިލް ކަމަށް ކަނޑައެޅި ދެވަނަ ވޯޓުގައި އިތުރު ފާހަގައެއް އޮތުމުން އެ ވޯޓު ބާތިލް ކަމަށް ނިންމި ނިންމުމަށް ކޯޓުން ވަނީ ތާއީދުކޮށްފައެވެ.
މި ހުކުމާއެކު ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު ވަނީ 392 އަށް އަރައި އެއްވަރުވެފައެވެ. އެހެންކަމުން ހައި ކޯޓުން ވަނީ ނަތީޖާ އަލުން އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށްފައެވެ. ނަތީޖާ އެއްވަރުވުމުން ގާނޫނީ ގޮތުން ދެން ޖެހޭނީ އެ މަގާމަށް މީހަކު ހޮވުމަށް އަލުން އިންތިޚާބު ބާއްވާށެވެ.