ދުނިޔެ
އިންޑިއާގެ އުތުރަށް އައި ތޫފާންތަކުގައި 96 މީހުން މަރުވެއްޖެ
ތޫފާނުގައި ވެއްޓިފައިވާ ގަހެއްގެ ކައިރީގައި އިންޑިއާ ފުލުހެއް. ފޮޓޯ: އޭޕީ/ރާޖޭޝް ކުމާރް ސިންހް
އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރް ޕްރަދޭޝްއަށް ބޯކޮށް ވާރޭވެހި ގުގުރުމާއިއެކު އައި ހިރަފުހުގެ ތޫފާންތަކުގައި މަދުވެގެން 96 މީހުން މަރުވެ، ގިނަ އަދަދެއްގެ ގެދޮރާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އިންޑިއާގެ އޮފިޝަލުން ހާމަކޮށްފިއެވެ.
އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމަށްވާ އުއްތަރު ޕްރަދޭޝްގެ އެކި ސަރަހައްދުތަކަށް ބުދަ ދުވަހު ކުރި މި ވިއްސާރައިގައި 50 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އާންމުގޮތެއްގައި ކޮންމެ އަހަރެއްގެ މާރިޗު މަހުން ޖޫން މަހާ ދެމެދު، މޫސުމީ ވިއްސާރަ ފެށުމުގެ ކުރިން އިންޑިއާގެ އުތުރުގެ ސަރަހައްދުތަކަށް މިފަދަ ތޫފާންތައް ކުރިމަތިވެއެވެ.
މަރުވި މީހުންގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ގަސްތައް ވެއްޓުމާއި، އިމާރާތްތައް ވެއްޓުމުގެ އިތުރުން ހޮނު އެޅުމުގެ ސަބަބުން ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. ފުލުހުންނާއި ކާރިސާތަކާ ބެހޭ ޓީމުތަކުން ދަނީ ކްރޭނާއި ކަރުގަނޑު ބޭނުންކޮށްގެން މަގުތަކަށާއި ރޭލު ދަގަނޑުތަކަށް ވެއްޓިފައިވާ ގަސްތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
އެޑްމިނިސްޓްރޭޓިވް އޮފިޝަލެއް ކަމަށްވާ ނަރެންދުރަ ސްރިވަސްތަވާ ވިދާޅުވި ގޮތުގައި، ކާރިސާގެ އަސަރުކުރި ސަރަހައްދުތަކަށް ކުއްލި އެހީދޭ ޓީމުތައް ވަނީ ފޮނުވާފައެވެ. އަދި މި ހާދިސާގައި ގެދޮރަށާއި، ދަނޑުބިންތަކަށާއި، ކަރަންޓުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޕްރަޔާގްރާޖް ޑިސްޓްރިކްޓްގެ ރައްޔިތެއް ކަމަށްވާ ރާމް ކިޝޯރު ބުނި ގޮތުގައި، ތޫފާން އައީ ކުއްލިއަކަށެވެ. "މި ތޫފާން އައީ ކުއްލިއަކަށް މަދު މިނެޓުކޮޅެއްގެ ތެރޭގައި މުޅި އުޑުމަތި އަނދިރިވެގެން ދިޔަ، ޓިނުތައް ވަޔާ އުދުހެމުން ދިޔައިރު، މީހުން ދިޔައީ ރައްކާތެރިކަން ހޯދުމަށް ގެތަކަށް ވަންނަމުންނެވެ. މުޅި ރޭގަނޑު އިވެމުންދިޔައީ ގަސްތައް ވެއްޓޭ އަޑު" އޭނާ ކިޔައިދިނެވެ.
އުއްތަރް ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތުޔަނާތު ވަނީ 24 ގަޑިއިރުގެ ތެރޭގައި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ނިންމުމަށާއި، އަސަރުކުރި އާއިލާތަކަށް ކުއްލި އެހީއާއި ބަދަލު ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަމުރުކުރައްވާފައެވެ.