ޚަބަރު
އެމްޑީޕީއަށް ޤައުމު ހިންގަން ދިނީމާ ރާއްޖޭގެ އިޖްތިމާޢީ ފޭރާން ވީދާލިގޮތް ދިވެހިން ހަނދާނުން ނުފިލާ: ފަލާޙް
ޕީއެންސީ ޖަލްސާގައި އެމްޕީ ފަލާޙް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ:އެމްއެމް ޓީވީ
މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ރާއްޖެގެ ވެރިކަން ކުރަން ލިބުމުން ރާއްޖޭގެ އިޖްތިމާޢީ ފޭރާން އެޕާޓީއިން ވީދާލިގޮތް އަދި ދިވެހިން ހަނދާނުން ނުފިލާ ކަަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެއެވެ.
ފަލާޙް މިހެން ވިދާޅުވީ މިރޭ ޕީއެންސީގެ ޖަގަހައިގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަލާޙް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ކަންކަން ވަމުންދާގޮތް ވަރަށް ސާފުކޮށް އެބަ އެނގޭކަމަށެވެ. 2008 ވަނަ އަހަރު ޢަަމަލު ކުރަން ފެށި ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށިފަހުން ރާއްޖޭގެ ޒަޢާމަތާއި ހަވާލުވި ރައީސުން ޢަމަލު ކުރި ގޮތް ދިވެހި ރައްޔިިތުންގެ ހިތުން އަދި ފިލައިގެން ނުދާނެ ކަަމަށްވެސް ފަލާޙްވިދާޅުވިއެވެ.
"2008ވަނަ އަހަރު އެމްޑީޕީއަށް ރައްޔިތުން ވެރިކަން ހަވާލުކުރުމުން ކަންތައް ހިނގާދިޔަ ގޮތް ދިވެހި ރައްޔިތުންގެ ހިތުގައި އަދިހަމަ އިއްޔެ ވީކަމެއް ފަދައިން އޮންނާނެ، ރާއްޖޭގެ ކޯޓުތަކާ ދިވެހިރާއްޖޭގެ އިޤްތިޞާދާ އަދި ރާއްޖޭގެ އިޖްތިމާޢީ ފޭރާން ވީދާލި ގޮތް ދިވެހި އެއްވެސް ރައްޔިތަކުގެ ހިތަކުން އަދި ފިލައިގެން ނުދާނެ" ފަލާޙް ވިދާޅުވިއެވެ.
އެމްޕީ ފަލާޙްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ރާއްޖޭގެ އޭރުގެ ރައީސް ވެރިކަމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރެއް ވަގަށް ނަންގަވައިގެން ކަމަށެވެ. އެހެންވީމަ ކޯޓުތަކުގެ ވާހަކަ އެރައީސް ދައްކަވާނަމަ ރައްޔިތިުން "ހޮޑުލަވާނެ" ކަމަށް ފަލާޙް ވިދާޅުވިއެވެ.
އިޤްތިޞާދުގެ ވާހަކަ ދައްކާކަމަށް ވާނަމަ އެރައީސް ފައިބައިގެން ދިޔައީ ދިވެހިރާއްޖެއަށް އާމްދަނީ އެންމެ ބޮޑަށް ލިބޭ ދިވެހި ރާއްޖޭގެ މައިދޮރާށި އެއަރޕޯޓު ވިއްކާލައިފައި ކަމަށްވެސް އެމްޕީ ފަލާޙްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. މީގެއިތުރުން ފެންކުންފުންޏާއި ދިރާގުފަދަ އެންމެ ބޮޑެތި ކުންފުނިތައް ވިއްކާލާފައި ކަމަށްވެސް ފަލާޙް ވިދާޅުވިއެވެ. އަދި ދެއަހަރު ބައިވަންދެން ވެރިކަން ކުރައްވާ ވެރިކަން ދޫކުރެއްވިއިރު ރާއްޖޭގެ އެއްވެސް ހަރުމުދަލެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
ފަލާޙް ވިދާޅުވީ ހަޤީޤަތަކީ މިއީ ކަމުގައިވިޔަސް މިއަދު އެރައީސް މަގުމައްޗަށް ނުކުންނަވާ މުޒާހަރާ މިކުރައްވަނީ ފަނޑިޔާރުގޭގެ ހިމާޔަތުގައި ކަމަށާއި ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ހިމާޔަތުގައި ކަމަށާއި ރަނގަޅު ވެރިކަމެއް ހޯދަން ކަމަށް ވިދާޅުވަމުންދާކަމަށެވެ.
ފަލާޙްގެ ވާހަކައިގައި ދެން ވިދާޅުވީ ކޯޓުތަކުގެ ހިމާޔަތުގައި މިއަދު އެންމެ އަޑުހަރުކޮށް ވަކާލަތު ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ކަމަށާއި ރައީސް ޔާމިންގެ ވެރިކަމުގައި ސިޔާސީ ލީޑަރުން ޖަލަށް ލަމުންލަމުން ގޮސް އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އުމުރުފުޅުން 70 އަހަރުގައި ޖަލަށް ލެއްވިކަމަށެވެ. މިކަންކަން މިހެން އޮތްއިރު ރައީސް ޔާމިން ކޯޓުތަކާއި އިޤްތިޞާދާއި މުޒާހަރާއާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ދެއްކެވީމާ ރައްޔިތުން "ހޮޑުލަވާ" ކަމަށް ފަލާޙް ވިދާޅުވިއެވެ.
ފަލާޙް ވިދާޅުވީ ރައީސް ޔާމިން ނޫސްވެރިކަމުގެ ވާހަކައާއި ނޫސްވެރިންގެ ވާހަކަ ދައްކަވާއިރު މިއަދުގެ ރައީސް ރައީސް މުޢިއްޒަށްވުރެ ބޮޑަށް ނޫސްވެރިން ހިމާޔަތްކުރެއްވި ރައީސްއެއް މިޤައުމު ނުދެކޭނެ ކަމަށެވެ. ރާއްޖޭގެ އިޤްތިޞާދާއި ހަލާކުވެފައި އޮތް އިޖްތިމާޢީ ފޭރާން މިއަށްވުރެ ބޮޑަށް ރަނގަޅުކުރި ރައީސަކުވެސް މިޤައުމު ނުދެކޭނެ ކަމަށް ފަލާޙްވިދާޅުވިއެވެ.
2023ވަނަ އަހަރު ދިވެހި ރައްޔިތުން ރައީސް މުޢިއްޒަށް ދެއްވި ތާއީދު ދެއްވީ އެމަނިކުފާނުގެ ރިވެތި އަޚްލާޤަށް ބެލުމަށްފަހުގައި ކަމަށް ފަލާޙް ވިދާޅުވިއެވެ. އަދި މިއަދި އިދިކޮޅު ފަރާތްތަކުން އެދައްކަމުންދާ ހަޑިހުތުިރު ވާހަކަތަކަކީ އެމަނިކުފާނުގެ މާތް އަޚްލާޤު ރައްޔިތުންގެ ކުރިމަތީގައި ކިލަނބުކޮށްލުމަށް ދައްކާވާހަކަތަކެއް ކަމަށްވެސް ފަލާޙް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ސިޔާސީ ގޮތުން ދައްކަމުންދާ ވާހަކަތަކަށް ވަރުގަދަ ރައްދުތަކެއް ފަލާޙްގެ ވާހަކަފުޅުގައި ވަނީ ދެއްވައިފައެވެ. މިޖަލްސާގައި ރައީސް ޑރ މުޙައްމަދު މުޢިއްޒުވެސް ވަނީ ބައިވެރވިވެވަޑައިގެން ވާހަކަފުޅު ދައްކަވައިފައެވެ