ޚަބަރު
އިޖްތިމާޢީ ފޭރާން ރަނގަޅުކުރަން ޖެހެނީ ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމާ ހަމައިން: ރައީސުލްޖުމްހޫރިއްޔާ
1446 ވަަނަ އަހަރުގެ ޢީދު ހަވީރުގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއި އެކު ފޮޓޯ:ރައީސް އޮފީސް
ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމުގެ އެންމެ މުހިންމު ބިންގަލަކީ ހަރުދަނާ ޢާއިލާތަކެއް ބިނާކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ ޢާއިލާއެއްގެވެސް ފެށުމަކީ މައިންބަފައިން ކަމަށެވެ. އަދި މާތްﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށްފަހު، މުސްލިމަކު ދެން އެންމެ ބޮޑު އިސްކަމެއް ދިނުމަށް އަމުރުވެވިގެންވަނީ މައިންބަފައިންނަށް ހެޔޮކޮށްހިތުމާއި ކިޔަމަންގަތުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ އިސްލާމްދީނުގައި ޢާއިލާއަށް ދީފައިވާ މަތިވެރި ޤަދަރާއި އަހުމިއްޔަތު ހާމަވާ ކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ޢާއިލާއިން އުފައްދައިދޭ ލޭގެ ގުޅުމަކީ ދުވަހަކުވެސް ކެނޑިގެންދާނެ ގުޅުމެއް ނޫންކަމަށެވެ. އެހެންކަމުން، ބަދަހި އަދި ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމަކީ މުޅި ޤައުމުގެ އިޖްތިމާޢީ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ކޮންމެ ރައްޔިތަކަށްމެ ޢާއިލީ ލޯތްބާއި އަޅާލުމާއެކު ބާއްޖަވެރި ޙަޔާތަކަށް އެދި ދުޢާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މިހާރުވެސް ގެންދަވަނީ އިޖްތިމާޢީ މައްސަލަތައް ހައްލުކޮށް، ޢާއިލާތަކަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ރައްޔިތުންގެ ހާލަތު ގާތުން ބެލުމަށް ފަށާފައިވާ "ހާލު ކިހިނެއް؟" ޕްރޮގްރާމާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އާއިލީ ލޯބި ހޯދައިދިނުމަށް ކުރިއަށްގެންދާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމަކީ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކެކެވެ.
ޢާއިލާއެއްގެ ފެށުމަކީ މައިންބަފައިންކަމަށް ވާއިރު، ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށްފަހު މުސްލިމަކު ދެން އެންމެ ބޮޑު އިސްކަމެއްދޭން އަމުރުވެވިގެންވާ އެއްކަމަކީ މަންމައާއި ބައްޕައަށް ހެޔޮކޮށްހިތުމާއި ކިޔަމަންގަތުން. މާތްވެގެންވާ އިސްލާމްދީން ޢާއިލާއަށްދޭ ޤަދަރާއި… pic.twitter.com/7nkjwPEbSa
— Dr Mohamed Muizzu (@MMuizzu) May 15, 2026
ދީނީ ޢިލްމުވެރިންވެސް އިއްތިފާގުވެވަޑައިގަންނަވާ ގޮތުގައި، ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ޢާއިލީ ގުޅުންތައް ބަދަހިކޮށްގެންނެވެ. ޢާއިލާގެ އެންމެ އަސާސީ އުންސުރަކީ މައިންބަފައިން ކަމަށްވާއިރު، ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުވެގެންދާނެ ކަމެކެވެ.
ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 15 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އާއިލާތަކުގެ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ޢާއިލީ ލޯތްބާއި އަޅާލުމުގެ މުހިންމުކަން މުޖުތަމަޢަށް ބުނެދީ، އެ ގުޅުންތައް ބަދަހިކުރުމަށް ހިތްވަރު ދިނުމެވެ.