Ads by Farudhun

ޚަބަރު

ޒިންމާދާރު އިދިކޮޅު ފަރާތެއް ނެތް، އިސްކުރަނީ އަމިއްލަ އެދުން: ރައީސް މުއިއްޒު

ޒިންމާދާރު އިދިކޮޅު ފަރާތެއް ނެތް، އިސްކުރަނީ އަމިއްލަ އެދުން: ރައީސް މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 މޭ 2026، 10:14

15 މޭ 2026، 10:14

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު، ޒިންމާދާރުކަމާއެކު ހަރަކާތްތެރިވާނެ އިދިކޮޅު ފަރާތްތަކެއް ނެތް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކުން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރުމަށް މާލޭގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ގައުމަށް ހެވާ ލާބަ ލިބޭނެ ކަންކަން ކުރުމެވެ. އެގޮތުން ކޮރަޕްޝަން ނައްތާލުމަށްޓަކައި ހަގީގީ މާނައިގައި ސަރުކާރުން މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކަށާއި، ކުރަމުންދާ މަސައްކަތްތަކުން ނެރެދޭ ނަތީޖާއަށް ރައްދު ދޭނެ ފުރުސަތެއް އިދިކޮޅު ފަރާތްތަކަށް މިއަދު ނެތް ކަމަށެވެ. އެހެންކަމުން، އިދިކޮޅު ފަރާތްތަކުން މިއަދު ގައުމީ މަސްލަހަތަށްވުރެ ބޮޑަށް އަމިއްލަ އެދުން އިސްކުރަމުންދާ ކަމަށް ރައީސް ތުހުމަތު ކުރެއްވިއެވެ.

ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު އެންމެ ލެކްވާ (މަދުވާ) އެއްޗަކީ ޒިންމާދާރު އޮޕޮޒިޝަންއެއް. މިތާކު ނެތް ޒިންމާދާރު އޮޕޮޒިޝަންއެއް. މިތާގަ އޮތީ ފުރުސަތު ލިބުނު ކޮންމެ ފަހަރަކު ތިމަންނާއަށް އެންމެ ބޮޑު ބައެއް ހޯދޭނެ ގޮތެއް، ތިމަންނަ ބޭނުންވާގޮތަށް ކަންކަން ކުރެވޭނެ ގޮތެއް ބަލައިގެން މަސައްކަތްކުރި ފަރާތްތަކެއް،

ރައީސް 

ރައީސް މުއިއްޒު އިތުރަށް ސިފަކުރެއްވި ގޮތުގައި، އިދިކޮޅު ފަރާތްތަކަކީ ގައުމަކާމެދު ނުވަތަ އިސްލާމްދީނާ މެދު ވިސްނާ ބަޔެއް ނޫނެވެ. އަދި އެއީ ހަމައެކަނި އަމިއްލަ މަންފާއަށްޓަކައި މަސައްކަތްކުރާ ބައެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ކުރީގެ ސަރުކާރުތަކުން ހިންގާފައިވާ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ މައްސަލަތައް ބަލައި، ކުށްވެރިވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ގެއްލިފައިވާ ދިވެހި ރައްޔިތުންގެ ހައްގުތައް ހޯދުމަށްޓަކައި، ދައުލަތުގެ މިނިވަން މުއައްސަސާތަކުން ފަސްޖެހުމެއް ނެތް މަސައްކަތް ކުރުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450