ދީން / ޚަބަރު

ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭ: ހުކުރު ޚުޠުބާ

ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭ: ހުކުރު ޚުޠުބާ

މައްކާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 މޭ 2026، 01:16

15 މޭ 2026، 01:16

ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށްވާއިރު، އެ ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ރާއްޖޭގެ އެންމެހައި މުސްލިމުންނަށް އިލްތިމާސްކުރައްވައިފިއެވެ.

"ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް" މި މައުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ބަޔާންކުރައްވާފައިވާ ގޮތުގައި، މި ދުވަސްތަކަކީ ދުނިޔެއަށް އަންނަ އެންމެ ހެޔޮ ދުވަސްތަކަށް ވުމުގެ ސަބަބަކީ، އިސްލާމްދީނުގެ އެންމެ މަތިވެރި އަޅުކަންތައް ކަމުގައިވާ ނަމާދާއި، ރޯދައާއި، ޞަދަޤާތާއި އަދި ޙައްޖުގެ މަތިވެރި އަޅުކަން މި ދުވަސްތަކުގައި ޖަމާވާތީއެވެ. އެހެންކަމުން، މި މަތިވެރި ފުރުޞަތުގެ ބޭނުން ހިފުމަށްޓަކައި ހެޔޮ ޢަމަލުތައް ކުރުމަށް އަވަސްވެގަތުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، މާތް ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރުތަކަކީ ޙުރުމަތްތެރިވެގެންވާ ހަތަރު މައްސަރެވެ. އެއީ ރަޖަބު މަހާއި، ޛުލްޤައިދާ މަހާއި، ޛުލްޙިއްޖާ މަހުގެ އިތުރުން މުޙައްރަމު މަހެވެ. މީގެ ތެރެއިންވެސް އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ ޙައްޖު މަސްކަން ޚުޠުބާގައި ބަޔާންކުރެއްވިއެވެ.

"އަހަރެމެންގެ ކުރު މި ޙަޔާތުގައި، ހެޔޮކަމުގެ މާތް މޫސުންތައް، ގިނަގުނަ ދަރުމަޔާއި ޘަވާބު ލިބޭނޭ ގޮތަށް، ތަކުރާރުވާ ގޮތެއްގައި މާތް ﷲ ލައްވައިފައިވުމީ، އެކަލާނގެ އޯގާވަންތަކަމާއި ރަޙުމަތްވަންތަކަމުގެ ބޮޑުކަން ހާމަވާ ކަމެއް،" ޚުޠުބާގައި ވިދާޅުވިއެވެ.

އަދި ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދާންތައް ފިލައިނުދަނީސް، ހެޔޮ ޢަމަލުކުރުމަށް މާތް ﷲ އެންމެ ލޯބިވެވޮޑިގެންވާ ދުވަސްތައް ކުރިމަތިވުމަކީ ބޮޑުވެގެންވާ ނިޢުމަތެއްކަން ފާހަގަކުރެއްވިއެވެ.

މި މަތިވެރި ދުވަސްތައް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކަމަކަށް ތެދުވެރި، އިޚުލާޞްތެރި ތައުބާއަކުން ތައުބާވުމަށް ޚުޠުބާގައި އިރުޝާދު ދެއްވިއެވެ. ތައުބާވުމަކީ ކީރިތި ޤުރްއާނުގައި އެންމެ ގިނައިން ގޮވައިލައްވާފައިވާ އެއް ކަންތައް ކަމަށާއި، ތައުބާވާ އަޅުންދެކެ މާތް ﷲ ލޯބިވެވޮޑިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

އަޅުކަންތަކުގެ އިތުރުން، ޙައްޖު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ފަހު ދުވަހުގެ އިރުއޮއްސުމާ ހަމައަށް، ގޭތަކާއި މަގުތަކާއި ބާޒާރުތަކުގައި އަޑުހަރުކޮށް ތަކުބީރު ކިޔުމަކީ ސުންނަތެއްކަމަށް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. އަދި މި ދުވަސްތަކުގައި ގިނަގިނައިން ޞަދަޤާތްކުރުމަށްވެސް ވަނީ ބާރުއަޅުއްވާފައެވެ.

ނިންމާލަމުން ޚުޠުބާގައި ވަނީ، ފާފަތަކަށް އަރައިގަތުމަކީ މާތް ﷲގެ ރަޙުމަތުން ދުރުވެ، ނިޢުމަތްތަކުން މަޙުރޫމުވާނެ ކަމެއްކަން ހަނދާންކޮށްދެއްވާފައެވެ. އެހެންކަމުން، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، ފިތުނަ ފަސާދަ އުފެއްދުން ފަދަ ނުބައި ކަންކަމުން ދުރުހެލިވެ، މާތް ﷲ ލޯބިވެވޮޑިގެންނުވާ އެއްވެސް ޢަމަލަކަށް އަރައިނުގަތުމަށް އެންމެހައި މުސްލިމުންނަށް ވަނީ ވަޞިއްޔަތް ކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450