ޚަބަރު
ސިޔާސީ ފިކުރު ތަފާތުވުމަކީ އަނެކާގެ އަބުރު ކަތިލަން އޮތް ޙުއްޖަތެއް ނޫން: އިޤްބާލް
ފޮޓޯ އިގްބާލް އާދަމް ފޭސްބުކް
ސިޔާސީ ފިކުރު ތަފާތުވުމަކީ އަނެކާގެ އަބުރު ކަތިލައި، ހަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ފެތުރުމަށް އޮތް ޙުއްޖަތެއް ނޫން ކަމަށް މުލިއާގޭގެ މިނިސްޓަރު އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިޤްބާލް މިހެން ވިދާޅުވީ އެމަނިކުފާނު މީސްމީޑިއާ މަންސައިގައި ކުރެއްވި ޚާއްޞަ ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި މިނިސްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ ޢާއިލާއާ ގުޅުވައިގެން ފަތުރަމުންދާ ދޮގު ވާހަކަތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ.
އިޤްބާލް ވިދާޅުވި ގޮތުގައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤެއް ނަމަވެސް، އެއީ ވަކި އިންތަކަކާއި މިންތަކެއްގެ ތެރޭގައި އޮންނަންޖެހޭ ކަމެކެވެ.
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއިން ފެށިގެން 69 ވަނަ މާއްދާއަށް ބަލާއިރު، އަސާސީ ޙައްޤުތަކާއި މިނިވަންކަން ދީފައިވަނީ އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފުނުވާނޭ ގޮތެއްގެ މަތިންކަން ފާހަގަކުރައްވައި އިޤްބާލް ވިދާޅުވީ، މީހުންގެ އަބުރާ ބެހުމާއި، ހުތުރު އެއްޗެތި ކިއުމާއި، ދޮގު މަޢުލޫމާތު ފެތުރުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫން ކަމަށެވެ.
މިފަދަ ނާތަހުޛީބު އަމަލުތައް ކުރާ ފަރާތްތަކުން އެކަންކަމަށް ޖަވާބުދާރީވާން ޖެހޭނޭ ދުވަހެއް އަންނާނެކަން ހަނދާންކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދޮގު އިލްޒާމުތައް ރައްދުވާ ފަރާތްތަކުގެ މައިންބަފައިންނާއި ދަރީން ކަރުނަ އޮހޮރާ ފަދައިން، އެފަދަ ކަންކަން ކުރާ މީހުންނަށްވެސް އެދުވަސް އައިސް ބައްދަލުކުރާނެ ކަމަށެވެ.
ސިޔާސީ ފިކުރު ތަފާތުވުމަކީ އަނެކާގެ އަބުރު ކަތިލަން އޮތް ޙުއްޖަތެއް ނޫން ކަމަށާއި، މާތް الله އިރާދަކުރެއްވި ކޮންމެ ހިނދަކު ރައީސްކަމުގެ މަޤާމުގައި ހުންނަވާނީ ޑރ. މުޢިއްޒު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒާއި ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދުގެ އިތުރުން އެބޭފުޅުންގެ ބޭފުޅުންނާ ގުޅުވައިގެން ފަތުރާ ދޮގު ވާހަކަތައް މިހިނދުން މިހިނދަށް ހުއްޓާލުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ. އިޤްބާލް ވިދާޅުވީ ރައީސްގެ ދެމަފިރިންނަކީ ނުހަނު ކެތްތެރި، އަޒުމް ވަރުގަދަ ބޭފުޅުން ކަމަށާއި، އެފަދަ ދޮގު އިލްޒާމުތަކުގެ ސަބަބުން ރައީސްގެ ސަޚްޝިއްޔަތަށް އެއްވެސް ލޮޅުމެއް ނާންނާނެ ކަމަށެވެ.
މީގެ އިތުރުން، ރައީސް މުޢިއްޒާއި މެޑަމް ސާޖިދާއަކީ ޤާނޫނާ ޚިލާފުވުމާއި ކަންކަމަށް ނުފޫޛު ފޯރުވުން ފަދަ ކަންކަމާ ދުރު، ރިވެތި އަޚްލާޤެއްގެ ވެރި ބޭފުޅުންކަން އެންމެ ގާތުން ދަންނަ މީހެއްގެ ޙައިޘިއްޔަތުން ކެރިހުރެ ހެކިވާ ކަމަށްވެސް މިނިސްޓަރު އިޤްބާލްގެ ފޭސްބުކް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.