Ads by Farudhun

ޚަބަރު

ކުރީގެ ތިން ރައީސުންގެ ވެެރިކަން ރަނގަޅު ނޫން ކަމަށް ރައީސް ނަޝީދު އިއުތިރާފުވެވަޑައިގެންފި

ކުރީގެ ތިން ރައީސުންގެ ވެެރިކަން ރަނގަޅު ނޫން ކަމަށް ރައީސް ނަޝީދު އިއުތިރާފުވެވަޑައިގެންފި

ކުރީގެ ތިން ރައީސުން ބޭއްވެވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: އެމްޑީޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 މޭ 2026، 01:22

16 މޭ 2026، 01:22

ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ކުރެއްވުނީ އެންމެ ފުރިހަމައަށް ނޫން ކަމަށް އެ ތިން ބޭފުޅުން ވެސް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ތިން ރައީސުން އެއްމޭޒެއްގައި ކުރެއްވެވި މަޝްވަރާތަކަށް ފަހު ތިން ބޭފުޅުންވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. 

 ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެ ބޭފުޅުން ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ތިއްބެވީ ވެރިކަންތައް އެންމެ ފުރިހަމައަށް ކުރެއްވުނު ކަމަށް ދެކިވަޑައިގެން ނޫން ކަމަށެވެ.

ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި 2008 ވަނަ އަހަރު އާ ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށި ފަހުން އެންމެ ފުރަތަމަ ވެރިކަން ކުރުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގެންނެވިއިރު، އެ ވެރިކަމުގައި ވެސް ކަންތައްތަކެއް ގޯސްކޮށް ހިނގާފައިވާ ކަމަށެވެ.

 "އަޅުގަނޑުމެންގެ ވެރިކަމުގައި ވެސް ކަންތައްތަކެއް ހުންނާނެ ގޯސްކޮށް ހިނގާފައި. އޭގެ ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި ވެސް. އަދި އޭގެ ފަހުން ރައީސް ސޯލިހްގެ ވެރިކަމުގައި ވެސް،" ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެއީ ކުރިއަށް އޮތް ތަނުގައި ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް އެކައްޗެއް ކިޔައިގެން މަސައްކަތް ނުކުރަންޖެހޭ ސަބަބެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވެސް ވަނީ ނަޝީދުގެ ވާހަކަފުޅަށް ބާރު ދެއްވާފައެވެ. ސޯލިހް ވިދާޅުވީ ކުރިން ހިނގައިދިޔަ ވެރިކަންތަކަކީ އެންމެ ރަނގަޅަށް ކުރެވުނު ވެރިކަންތަކެއް ކަމުގައި ގަބޫލު ނުކުރައްވާ ކަމަށާއި، ނަމަވެސް މިހާރު ތިބި ހާލަތަކީ އެ ހުރިހާ ވެރިކަންތަކަށް ވުރެ ވެސް ހާލަތު ގޯސްވެފައިވާ ވަގުތެއް ކަމަށެވެ. އެހެންކަމުން ހިޔާލު ތަފާތުވުންތައް އެކަހެރިކޮށް ގައުމު ސަލާމަތް ކުރަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތިން ބޭފުޅުން އެއްމޭޒަކުން މަޝްވަރާތަކުގައި ފެނުނަސް އިދިކޮޅު އެމްޑީޕީގެ ތެރޭގައި ހަމަނުޖެހުން އޮތް ކަން ފާހަގަކޮށްލަން ޖެހެއެވެ.  އެގޮތުން ޕާޓީގެ އެތެރޭގެ ކަންކަމުގައި ރައީސް ނަޝީދާއި ރައީސް ޞާލިޙާއި ދެމެދު ޚިޔާލުތަފާތުވުންތައް އެބަހުއްޓެވެ. ތިންވަނަ ބޭފުޅަކަށް ހުންނެވި ރައީސް ޔާމިން އަކީ މީގެކުރިން އިދިކޮޅު އެމްޑީޕީއާއި އިންތިހާއަށް ދެކޮޅު ބޭފުޅެކެވެ. 

ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ ފާޑުކިޔުން
މި ތިން ރައީސުން އެއް މޭޒެއްގެ ދަށުން ބައްދަލުކުރެއްވުމާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ކުރީގެ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، މިއީ ބާރުތައް މުށުތެރެއަށްލުމަށް ދަހިވެތިވެފައި ތިބި ތިން ފަރާތަކުން ވެރިކަން ވައްޓާލުމަށް ކުރާ "ވަގުތީ ކައިވެންޏެއް" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވެސް ވަނީ މި ބައްދަލުވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ފަލާހު ވިދާޅުވީ މި ތިން ބޭފުޅުންގެ ވެރިކަމުގައި ނޫސްވެރިޔާ ރިލްވާނާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަތަކާއި، އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ ފަދަ ކަންކަން ހިނގާފައިވާއިރު، މިހާރު ނޫސްވެރިކަމުގެ މިނިވަންކަމާއި ކޮރަޕްޝަން ނައްތާލުމުގެ ވާހަކަ ދެއްކުމުން "ހިނި" އަންނަ ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މިވަގުތު ތިން ރައީސުންގެ އަމާޒަކީ ނޫސްވެރިކަމަށް ހުރި ހުރަސްތައް ގިރާކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ރައްޔިތުންނާ އެކު މަސައްކަތް ކުރުމެވެ. ރާއްޖެ މިހާރު އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި، ދިވެހިންގެ ހައްގުތަކާއި ތަނަވަސްކަމަށް އަސަރުކުރުމުގެ ބިރު އެބައޮތް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450