Ads by Exprox

ޚަބަރު

މޫދުކުޅިވަރު ތަކުގައި މަރުވާ ފަތުރުވެރިންގެ ޢަދަދު ގިނަވެ އެކަމުގެ ޤަވާއިދެއް އެކުލަވައިލެވެންދެން ޢަމަލުކުރާނެ އުސޫލެއް ހަދައިފި

މޫދުކުޅިވަރު ތަކުގައި މަރުވާ ފަތުރުވެރިންގެ ޢަދަދު ގިނަވެ އެކަމުގެ ޤަވާއިދެއް އެކުލަވައިލެވެންދެން ޢަމަލުކުރާނެ އުސޫލެއް ހަދައިފި

ރާއްޖޭގެ ރިސޯޓެއްގައި ސީ ސްޕޯޓްސްއެއްގައި ފަތުރުވެރިއަކު ބައިވެރިވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ނޮވެމްބަރު 2024، 06:21

25 ނޮވެމްބަރު 2024، 06:21

މޫދުކުޅިވަރު ތަކުގައި މަރުވާ ފަތުރުވެރިންގެ ޢަދަދު ގިނަވެ އެކަމުގެ ޤަވާއިދެއް އެކުލައިވައިލެވެންދެން ޢަމަލުކުރާނެ އުސޫލެއް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ޢާންމުކޮށްފިއެވެ.

 އެ ވުޒާރާއިން އެއުސޫލު ހާމަކޮށްފައިވަނީ އެ ވުޒާރާއިން ނެރުނު ސާކިއުލާއެއްގައެވެ. އެ ސާކިއުލާގައި އެ ވުޒާރައިން ބުނެފައިވަނީ ފަތުރުވެރިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މޫދުކުޅިވަރާއި އެހެނިހެން ހަރަކާތްތަކުގައި އެކްސިޑެންޓުތައް ހިންގާ ފުރާނައަށް ގެންލުންވާފަދަ ހާދިސާތައް މިހާތަނަށް ހިނގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

 އެހެން ކަމުން އެފަދަ ކަންކަން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މަސައްކަތް ކުރަމުންދާ ކަމަށް އެވުޒާރާއިން ބުނެއެވެ.

މިފަދަ ހަރަކާތްތައް ހިންގުމާއި ގުޅޭ ޤަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންދާކަމަށާއި އެ ޤަވާއިދު އެކުލަވާލެވެންދެންވެސް އެފަދަ ހަރަކާތްތައް ހިންގުމުގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އާންމު މިންގަންޑެއް ވަނީ ސާކިއުލާއާއިއެކު އާންމުކޮށްފައެވެ. 

އެގޮތުން މި މިންގަނޑުގެ ތެރެއިން އެފަދަ ހަރަކާތްތައް ރައްކާތެރިކޮށް ކުރިއަށްގެންދިއުމަށް ޚިދުންމަތްދޭ ތަންތަނާއި އެފަރާތްތަކުގެ ޒިންމާތައް ވަނީ ހިމަނާފައެވެ.

މިހާރު އާންމުކޮށްފައިވާ މިންގަނޑުގެ ތެރޭގައި، ފަތަން ނޭނގޭ ފަތުރުވެރިން ލައިފް ޖެކެޓު އެޅުވުމަށާއި، އެ ހަރަކާތަކާއި ގުޅޭ ސަލަމާތީ ވަސީލަތްތައް ފުރިހަމައަށް ގެންގުޅުމަށް ވަނީ އަންގާފައެވެ. އަދި އެދުވަހެއްގެ މޫސުމާއި ބެހޭ މަޢުލޫމާތު ފަތުރުވެރިންނަށް ދިނުމާއި ވަކި ސަރަހައްދެއްގައި ކުރިއަށް ގެންދަންޖެހޭ ހަރަކާތްތައް އެ ސަރަހައްދެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން 16 އަހަރުން ދަށުގެ ކުށްޖެއް އެފަދަ ހަރަކާތްތެއްގައި ބައިވެރިކުރެވޭނެ ބެލެނިވެރިއާގެ ޢިއުތިރާޒެއް ނެތްކަން ލިއުމުން ހޯދައިގެން ކަމަށް އަލަށް ޢަމަލުކުރަން ފެށި މިންގަނޑުގައިވެއެވެ.

ކުރިއަށްއޮތީ ފަތުރުވެރިކަމުގެ ޕީކް ސީޒަން ކަމަށްވާއިރު، އެ މިންގަނޑުގައި ހުރިކަންކަމަށް ޢަމަލުކުރުމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފަތުރުވެރިންގެ ސަލަމާތާއި ރައްކާތެރިކަމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއްގައި އެއްބާރުލުން ބޭނުންވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco