ޚަބަރު
ފީނަންދިޔަ ފަތުރުވެރިން މަރުވުން: ސަފާރީގެ އޮޕަރޭޓިން ލައިސެންސް ހިފަހައްޓައިފި
އެމްވީ ޑޫކް އޮފް ޔޯކް
ވ. އަތޮޅު ކޭވްއެއް ބަލާލުމަށް ޑައިވިނަށް ދިޔަ ފަތުރުވެރިންތަކެއް މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެމީހުން ގޮވައިގެން ދަތުރުކުރި "އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިން ލައިސަންސް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހިފަހައްޓައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އެ ސަފާރީގެ ލައިސަންސް ހިފަހައްޓާފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހު ވ. އަތޮޅުގައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ވ. އަތޮޅަށް ޑައިވިނަށް ގޮސްގެން އުޅެނިކޮށް ބަޔަކު ގެއްލިގެން ރިޕޯޓް ލިބިފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހު 13:45 އެހައިކަންހާއިރުއެވެ. މި ޑައިވިންއަށް އެ ސަފާރީން ޖުމްލަ ފަސް މީހުން ފޭބިއިރު، އެ އެންމެންނަކީވެސް އިޓަލީއަށް ނިސްބަތްވާ ފަތުރުވެރިންނެވެ.
މިހާތަނަށް މި ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން ފެނިފައިވަނީ އެންމެ މީހެކެވެ. މައުލޫމާތު ލިބޭ ގޮތުގައި ފެނިފައިވަނީ އެމީހުންގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި ދިޔަ ޑައިވަރެވެ. ނަމަވެސް އޭނާ ފެނުނު އިރުވެސް އޮތީ މަރުވެފައެވެ.
ގެއްލުނު އެހެން ޑައިވަރުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ ހާއްސަ ރެސްކިއު އޮޕަރޭޝަނެއްގެ ދަށުން ކުރަމުންނެވެ. މި އޮޕަރޭޝަން ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބައްލަވާލައްވާފައެވެ.