ޚަބަރު
ފަތުރުވެރިން ހޯދަން ފީނި ސިފައިންގެ ބޭކަލަކަށް ފަރުވާދެނީ
ފަތުރުވެރިން ހޯދުމުގެ މަސައްކަތް ކުރާ ސަރަހައްދު. ފޮޓޯ: އެމްއެންޑީއެފް
ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އުޅުނު އެމްއެންޑީއެފްގެ ސިފައިންގެ ބޭކަލެއްގެ ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން މިއަދު ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ގެއްލުނު މީހުން ހޯދުމަށް ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ ތެރެއިން މިއަދު ޑައިވް ކުރަމުން ދަނިކޮށެވެ. ހާލު ދެރަވި ސިފައިންގެ މީހާ ވަގުތުން މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ.
މިކަމާ ގުޅޭގޮތުން އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "ފެލިދެއަތޮޅުގައި ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި ސިފައިންގެ ބޭކަލެއްގެ ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންދެވިފައި" ކަމަށެވެ.
ފެލިދެއަތޮޅުގައި ގެއްލުނު ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއް ނެތް ކުރިއަށް ގެންދާއިރު، މި އޮޕަރޭޝަނުގައި ސިފައިންގެ ގިނަ އަދަދެއްގެ ޑައިވަރުން ދަނީ ބައިވެރިވަމުންނެވެ.
އިޓަލީގެ 5 ޑައިވަރުން ގެއްލިފައިވަނީ ވ.އަތޮޅުގައި އާންމުކޮށް މީހުން ފީނަން ގޮސް ނޫޅޭ ސަރަޙައްދެއްގައި ހުރި ކޭވްއަކަށް ފީނަން ގޮސްއުޅެނިކޮށެވެ. މީގެތެރެއިން އެކެއްގެ ހަށިގަނޑު މިހާރު ފެނިފައިވާއިރު މިހާރު ކުރަމުންދަނީ އަނެއް 4 މީހުން ހޯދުމުގެ މަސައްކަތެވެ.