Ads by Farudhun

ޚަބަރު

ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރި ދެވަނަ ފްލައިޓް 260 ޙައްޖުވެރިންނާއެކު ފުރައިފި

ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރި ދެވަނަ ފްލައިޓް 260 ޙައްޖުވެރިންނާއެކު ފުރައިފި

ރާއްޖެއިނ ދެވަނަ ފްލައިޓުގައި ޙައްޖުވެރިން ފުރުން ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 މޭ 2026، 09:09

17 މޭ 2026، 09:09

1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖުވެރިންގެ ދެވަނަ ގްރޫޕް މިއަދު ފުރައިފިއެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި މިފަހަރު 260 ޙައްޖުވެރިން ސަޢުދީ ޢަރަބިއްޔާއަށް ފުރާފައިވަނީ މިއަދު ހެނދުނު ރާއްޖެ ގަޑިން 07:10 ގައެވެ.

މި ފްލައިޓް ޖިއްދާގެ ކިންގް އަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިއަދު މެންދުރު 12:00 ހާއިރުއެވެ. މިއީ މިއަހަރު ޙައްޖުވެރިން ގެންދިއުމަށް ހަމަޖެހިފައިވާ ޖުމްލަ 4 ފްލައިޓުގެ ތެރެއިން ދެވަނަ ފްލައިޓެވެ. ފުރަތަމަ ގްރޫޕް ސަޢުދިޔާ އެއަރލައިންސްގެ ފްލައިޓެއްގައި މިހާރު ވަނީ ފުރާފައެވެ.

މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ދިވެހި ޙައްޖުވެރިންނަށް ސަޢުދީގެ އިމިގްރޭޝަންގެ ކަންކަން ރާއްޖޭގައި ފުރިހަމަކުރުމުގެ ފުރުސަތު ލިބިފައިވާތީ، ޖިއްދާއަށް ފޭބުމަށްފަހު ވަރަށް ފަސޭހަކަމާއެކު މައްކާއަށް ދަތުރުކުރެވޭނެ ކަމަށެވެ.

"ޖިއްދާއިން ގާތްގަނޑަކަށް ދޮޅު ގަޑިއިރުގެ ދަތުރަކަށްފަހު ޙައްޖުވެރިންނަށް މައްކާގެ ހޮޓަލަށްދެވޭނެ، އިރާދަކުރެއްވިއްޔާ ހޮޓަލަށް ދިޔުމަށްފަހު ހަމަޖެހިލައިގެން ޙައްޖުވެރިންގެ ޢުމްރާގެ އަޅުކަން މިއަދުގެ އެކި ވަގުތުތަކުގައި ނިމޭނެ،" ޝަކީލް ވިދާޅުވިއެވެ.

ރާއްޖެއަށް މިއަހަރު ލިބިފައިވާ 1000 ޙައްޖު ކޯޓާގެ ދަށުން ޙައްޖުވެރިން ގެންދިއުމަށް ހަމަޖެހިފައިވަނީ ސަޢުދިޔާގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓުގައެވެ. މިހާތަނަށް ދެ ފްލައިޓް ފުރާފައިވާއިރު، ބާކީ ތިބި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހޯމަ އަދި އަންގާރަ ދުވަހުއެވެ. އެގޮތުން ހޯމަ ދުވަހު 268 ޙައްޖުވެރިން އަދި އަންގާރަ ދުވަހު 253 ޙައްޖުވެރިން ފުރުމަށް ވަނީ ތާވަލުކުރެވިފައެވެ.

މިއަހަރުގެ ޙައްޖުގެ ހުރިހާ އިންތިޒާމުތަކެއް ސަރުކާރުން ކުރިއަށް ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ޙައްޖުވެރިންނަށް އެންމެ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450