ވިޔަފާރި / ޚަބަރު
އެސްޓީއޯގެ ތާރީޚީ ނިންމުމެއް,ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި
އެސްޓީއޯގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ފޮޓޯ: އެސްޓީއޯ
ދައުލަތުގެ މައި ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް ނިންމައިފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ މިރޭ ޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސްގައި ބޭއްވި އެ ކުންފުނީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.
މިއީ އެސްޓީއޯއިން އާންމުންނަށް ހިއްސާ ވިއްކަން ފެށިތާ 25 އަހަރު ފުރޭ އަހަރު ކަމަށްވާއިރު، މި ފަހަރު ބަހަން ނިންމި އަދަދަކީ ފަހުގެ ތާރީޚެއްގައި ހިއްސާދާރުންނަށް ބަހަން ނިންމި އެންމެ ބޮޑު އަދަދުކަން އެ ކުންފުނިން ފާހަގަކުރެއެވެ. މިދިޔަ އަހަރު އެސްޓީއޯއިން ހިއްސާއަކަށް ބަހާފައިވަނީ 80 ރުފިޔާއެވެ.
މިރޭގެ ޖަލްސާގައި ޖުމްލަ 263 ހިއްސާދާރުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ހާޒިރުވެގެން ބައިވެރިވި 176 ހިއްސާދާރުންނާއި ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވި 87 ހިއްސާދާރުން ހިމެނެއެވެ.
ނިމިދިޔަ އަހަރުގެ މާލީ ނަތީޖާއަށް ބަލާއިރު، އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 15.55 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި ސާފު ފައިދާގެ ގޮތުގައި އެ ކުންފުނިން ވަނީ 763 މިލިޔަން ރުފިޔާ ހޯދާފައެވެ.
ޖަލްސާގައި ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އާނެސްޓް އެންޑް ޔަންގ ހަމަޖައްސައި، އުޖޫރައިގެ ގޮތުގައި 1,009,800 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ކުންފުނީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލްކުރާނެ މެންބަރަކަށް މުޙައްމަދު އަޙުސަން ސަލީމް ވަނީ އައްޔަންކޮށްފައެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝީމާދު އިބްރާހީމް ވިދާޅުވީ، ވޭތުވެދިޔަ 60 އަހަރު ދެމެހެއްޓެނިވި ގޮތެއްގައި ކުރި މަސައްކަތުން ހިއްސާދާރުންނަށް ބޮޑު ފައިދާއެއް ލިބެމުންދާ ކަމަށެވެ. އެގޮތުން ފުރަތަމަ ހިއްސާ ގަތް ފަރާތްތަކުގެ ކެޕިޓަލް މިހާރު 500 އިންސައްތަ އިތުރުވެފައިވާ ކަމަށާއި، މިއީ އިންފްލޭޝަނުން ރައްކާތެރި އިންވެސްޓްމެންޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެސްޓީއޯއިން މިހާރު މަސައްކަތް ކުރަމުންދަނީ 5 އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއްގެ ދަށުންނެވެ. މި ޕްލޭންގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކުންފުނީގެ ވިޔަފާރި އިތުރަށް ފުޅާކޮށް، ފައިދާ މިހާރަށްވުރެ ބޮޑުކުރުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.