Ads by Farudhun

ޚަބަރު

އައްޑޫގައި ގާއިމްކުރި ނުރައްކާތެރި ކުނި މެނޭޖްކުރާ މަރުކަޒު މިއަހަރު އޮޕަރޭޝަނަށް ގެންނަނީ

އައްޑޫގައި ގާއިމްކުރި ނުރައްކާތެރި ކުނި މެނޭޖްކުރާ މަރުކަޒު މިއަހަރު އޮޕަރޭޝަނަށް ގެންނަނީ

"އިންޓަރިމް ހެޒިޑެސް ވޭސްޓް ސެންޓަރު" ގާއިމުކުރުމަށް ސޮއިކުރުން ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 މޭ 2026، 09:36

17 މޭ 2026، 09:36

އައްޑޫ ސިޓީގައި ނުރައްކާތެރި ކުނި ރިސައިކަލްކޮށް އެކްސްޕޯޓް ކުރުމަށް ގާއިމްކުރި މަރުކަޒު މިއަހަރުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި ފެސިލިޓީއަކީ ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި އުފެދޭ ނުރައްކާތެރި ކުންޏާއި ތިމާވެއްޓަށް ގެއްލުންހުރި ކެމިކަލް ރައްކާކުރުމަށް ގާއިމްކުރާ މިފަދަ ފުރަތަމަ މަރުކަޒެވެ. 1.4 މިލިއަން ރުފިޔާގެ މި މަޝްރޫއު ކުރިއަށްގެންދިއުމަށް އައްޑޫގެ ކުންފުންޏެއް ކަމަށްވާ ނޫރައްދީން އިންވެސްޓްމަންޓާ ހަވާލުކޮށްފައިވަނީ 14 ޖޫން 2022 ގައެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކެމިކަލް ކުންޏަކީ އިންސާނުންގެ ސިއްހަތަށާއި ތިމާވެއްޓަށް ނުހަނު ބޮޑެތި ގެއްލުންތައް ދޭ އެއްޗެއް ކަމުން، އެފަދަ ތަކެތި ރައްކާތެރިކޮށް މެނޭޖްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އައްޑޫގައި ގާއިމްކޮށްފައިވާ "އިންޓަރިމް ހެޒިޑެސް ވޭސްޓް ސެންޓަރު" އަކީ ރާއްޖޭގެ ބޭރަށް ފޮނުވަންޖެހޭ ކެމިކަލްތައް ވަގުތީ ގޮތުން ރައްކާކުރުމަށް ހާއްސަ ކުރެވިފައިވާ ތަނެކެވެ.

މި މަރުކަޒު އޮޕަރޭޝަނަށް ގެނައުމުން، އައްޑޫ ސިޓީގައި ހުރި ނުރައްކާތެރި ކެމިކަލްއެއް ކަމަށްވާ ޕޮލީ ކްލޮރިނޭޓެޑް ބައިފީނައިލް (ޕީ.ސީ.ބީ) އެކުލެވޭ 2 އާލާތާއި، ފުވައްމުލައް ސިޓީގައި ހުރި 16 ކަރަންޓު ފޯމަރު، ތިމާވެއްޓާ ރައްޓެހި ގޮތަށް ނައްތާލުމަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ ކުރިން މި ތަނުގައި ރައްކާކުރެވޭނެއެވެ. މީގެ ސަބަބުން ރާއްޖެއިން ބައިވެރިވެފައިވާ 'ސްޓޮކްހޯމް ކޮންވެންޝަން' ގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

އައްޑޫގެ އިތުރުން، ރ. ވަންދޫގައި ވެސް ނުރައްކާތެރި ކުނި މެނޭޖްކުރާ ސެންޓަރެއް އެޅުމުގެ މަސައްކަތް ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ދަނީ ކުރަމުންނެވެ. އެ މަސައްކަތުގެ 30 އިންސައްތަ މިހާރު ނިމިފައިވާއިރު، މިއަހަރު ނިމުމުގެ ކުރިން އެތަން ބޭނުންކުރަން ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ.

ނުރައްކާތެރި ކުނި މެނޭޖްކުރުމަށް ދިވެހި ސަރުކާރުން ކުރިއަށްގެންދާ މި ހާއްސަ މަޝްރޫއަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ އެހީގައި، ޔޫއެންޑީޕީއާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ނުރައްކާތެރި ކެމިކަލާއި ކުނި މެނޭޖްކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450