ވިޔަފާރި / ޚަބަރު

ޕްރައިވެޓް ސެކްޓަރއަށް ބޭންކުތަކުން ދޫކުރި ލޯނުގެ އަދަދު އިތުރުވެއްޖެ؛ އެންމެ ބޮޑު ކުރިއެރުމެއް ފަތުރުވެރިކަމަށް

ޕްރައިވެޓް ސެކްޓަރއަށް ބޭންކުތަކުން ދޫކުރި ލޯނުގެ އަދަދު އިތުރުވެއްޖެ؛ އެންމެ ބޮޑު ކުރިއެރުމެއް ފަތުރުވެރިކަމަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ފޮޓޯ: ކޯޕަރޭޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 މޭ 2026، 11:39

17 މޭ 2026، 11:39

މިއަހަރުގެ ތެރޭގައި ރާއްޖޭގެ ވިޔަފާރި ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ނުވަތަ ޕްރައިވެޓް ސެކްޓަރއަށް ދޫކޮށްފައިވާ ލޯނުގެ އަދަދު އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން އެންމެ ފަހުން އާންމުކުރި އޭޕްރީލް މަހުގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން، ވިޔަފާރި ބޭންކުތަކުން ޕްރައިވެޓް ސެކްޓަރއަށް ދޫކޮށްފައިވާ ކްރެޑިޓް ނުވަތަ ލޯނު އިތުރުވި މިންވަރު ވަނީ މަހުން މަހަށް ކުރިއަރާފައެވެ. އެގޮތުން މިއަހަރުގެ ފެބުރުވަރީ މަހު މި އަދަދު %13 ގައި ހުރިއިރު، މާރިޗު މަހު ވަނީ %14 އަށް އިތުރުވެފައެވެ.

މި ރިޕޯޓުން ދައްކާގޮތުގައި ރާއްޖޭގެ އިޤުތިޞާދުގެ މައިގަނޑު ހުރިހާ ދާއިރާތަކަކަށް ދޫކުރި ލޯނުގެ އަދަދުވެސް ވަނީ މާރިޗު މަހު އިތުރުވެފައެވެ. މީގެ ތެރޭގައި އިމާރާތްކުރުމުގެ ދާއިރާ، އަމިއްލަ ބޭނުންތަކަށް ދޫކުރާ ލޯނު، ވިޔަފާރި އަދި ރިއަލް އެސްޓޭޓް ދާއިރާ ހިމެނެއެވެ.

ނަމަވެސް، މި މުއްދަތުގައި އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވިފައިވަނީ ރާއްޖޭގެ އިޤުތިޞާދުގެ މައިބަދަ ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުތަކުންނެވެ. އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކުރި ކްރެޑިޓް މާރިޗު މަހު %12 އިތުރުވެފައިވާއިރު، ބޭންކުތަކުން ދޫކުރި ޖުމްލަ ކްރެޑިޓްގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީވެސް މި ދާއިރާއެވެ. އެގޮތުން ޖުމްލަ ލޯނުގެ %34 އަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ދޫކޮށްފައިވާ ލޯނުތަކެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކުރި ލޯނު މިގޮތަށް އިތުރުވާން މެދުވެރިވި މައިގަނޑު ސަބަބަކީ، އާ ރިސޯޓުތައް ތަރައްޤީކުރުމަށާއި، މިހާރު ހުރި ރިސޯޓުތަކާއި ގެސްޓްހައުސްތައް މަރާމާތުކުރުމަށް ދޫކުރާ ލޯނުގެ މިންވަރު އިތުރުވުން ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންވެސް ވަނީ އެ ބޭންކުން ދޫކުރާ ލޯނުގެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތް ކަމަށް ބުނެފައެވެ. އަދި މީގެ ތެރޭގައިވެސް ޚާއްޞަކޮށް އެމެރިކާ ޑޮލަރުން ދޫކޮށްފައިވާ ލޯނުގެ އަދަދު ގިނަކަން އެ ބޭންކުން ފާހަގަކުރެއެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450