Ads by Farudhun

ޚަބަރު

ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް މަޝްވަރާކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މިސްރަށް

ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް މަޝްވަރާކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މިސްރަށް

ސީޕީ އަޙްމަދު މުޙައްމަދު/ފޮޓޯ: ފުލުހުން

17 މޭ 2026، 12:12

ބޯޑަރު ހުރަސްކޮށް ހިންގާ ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ދެޤައުމުން ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށްޓަކައި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ފުރާވަޑައިގެންފިއެވެ.

މިސްރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން އިންތިޒާމުކޮށްގެން މިއަދުން ފެށިގެން މިހިނގާ މޭ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ދަތުރުފުޅުގައި، ދެ ޤައުމުގެ މެދުގައި ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާއި، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި، މިސްރުގެ ނޭޝަނަލް ސެކިއުރިޓީ ސެކްޓަރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފަ އެވެ. ހަމަ އެއާއެކު، ރިހެބިލިޓޭޝަން އެންޑް ކަރެކްޝަނަލް ފެސިލިޓީތަކަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ބޭނުންތެރި ދާއިރާތަކުން ތަމްރީނުދޭ މަރުކަޒުތަކަށް ޒިޔާރަތްކުރެއްވުމަށް ވެސް މި ދަތުރުފުޅުގެ ތެރެއިން ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގެ ސަބަބުން މިސްރުގެ އިންޓީރިއާ މިނިސްޓްރީއާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ސަލާމަތީ ކަންކަމާއި ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުވެގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450