Ads by Farudhun

ޚަބަރު

ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއަށް ހަމަވަނީ, 1300 އަށްވުރެ ގިނަ ހުށަހެޅުން ލިބިއްޖެ

ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއަށް ހަމަވަނީ, 1300 އަށްވުރެ ގިނަ ހުށަހެޅުން ލިބިއްޖެ

37 ވަނަ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 މޭ 2026، 12:13

17 މޭ 2026، 12:13

38 ވަނަ ޤައުމީ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާއިރު، މިހާތަނަށް 1300 އަށްވުރެ ގިނަ ފަރާތަކުން މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ނައިބު އަލްއުސްތާޛު ޢަލީ ވަޙީދު ޢަބްދުއްރަޙްމާން ވިދާޅުވީ، މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން ހުޅުވާލި މި ފުރުސަތު މި މަހުގެ 18 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 26 އަހަރުން ދަށުގެ ދިވެހިންނަށް ހުޅުވާލާފައިވާއިރު، ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ އިތުރުން ރާއްޖޭއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

މިފަހަރުގެ މުބާރާތަކީ މީގެ ކުރީގެ މުބާރާތްތަކާ ތަފާތު ގޮތަކަށް ކުރިއަށްގެންދާ މުބާރާތެކެވެ. އެންމެ ބޮޑު ތަފާތަކީ، ކުރީގެ މުބާރާތްތަކާ ހިލާފަށް، މިފަހަރު ކޮންމެ މީހަކަށްވެސް އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން މުބާރާތުގައި ބައިވެރިވެވޭނެ ކަމެވެ. މީގެ ކުރިން މުބާރާތުގައި ބައިވެރިވެވެނީ ކައުންސިލްތަކާއި، ސްކޫލްތައް ނުވަތަ ޤުރުއާން ކްލާސް ފަދަ މުއައްސަސާތައް މެދުވެރިކޮށެވެ. މީގެ އިތުރުން، މިފަހަރު 6 އަހަރުން ދަށުގެ ކުދިންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މުބާރާތުގެ އޮޑިޝަން ބުރުތައް ޖޫން މަހުގެ ހަފްތާ ބަންދުތަކުގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. މި އޮޑިޝަންތައް ކުރިއަށްދާނީ ކޮންމެ އަތޮޅެއްގެވެސް ވެރިކަން ކުރާ ރަށުގައެވެ. ނަމަވެސް ހއ. އަތޮޅާއި އައްޑޫ ސިޓީގައި ދެ ރަށެއްގައި އޮޑިޝަންތައް ކުރިއަށްދާނެ ކަމަށް ވުޒާރާއިން ބުނެއެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ.

ޢަލީ ވަޙީދު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކީރިތި ޤުރުއާނާއި އިސްލާމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެންނަވަމުންދާ ކަމަށެވެ. އެގޮތުން، މިފަހަރުގެ މުބާރާތަކީ ރާއްޖޭގެ ތާރީޚުގައިވެސް ބާއްވާ އެންމެ އަގުބޮޑު މުބާރާތަށް ވެގެންދާނެއެވެ.

މި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފި، ނުބަލާ ކިޔެވުމުގެ ގޮފި އަދި ޙާފިޒުންގެ ގޮފިން އެއްވަނައަށް އަންނަ ކޮންމެ ކުއްޖަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ 100,000 (އެއްލައްކަ) ރުފިޔާގެ އިނާމު ލިބިގެންދާނެއެވެ. މީގެ އިތުރުން، އެ ކުދިން ބޭނުންވާ ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވާނެ ކަމަށާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުންވެސް އަގުބޮޑު އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450