ވިޔަފާރި / ޚަބަރު

އެސްޓީއޯގެ ކަސްޓަމަރުންނަށް ޚާއްޞަ "މައި އެސްޓީއޯ ލޯޔަލްޓީ" ޕްރޮގްރާމް އިފްތިތާޙްކޮށްފި

އެސްޓީއޯގެ ކަސްޓަމަރުންނަށް ޚާއްޞަ "މައި އެސްޓީއޯ ލޯޔަލްޓީ" ޕްރޮގްރާމް އިފްތިތާޙްކޮށްފި

މައިއެސްޓީީއޯ ލޯޔަލްޓީ ކާޑް ފޮޓޯ: އެސްޓީއޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 މޭ 2026، 12:58

17 މޭ 2026، 12:58

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އައުޓްލެޓްތަކުން ވިޔަފާރިކުރާ ފަރާތްތަކަށް ޚާއްޞަ އިނާޔަތްތަކެއް ދިނުމުގެ މަޤްޞަދުގައި "މައި އެސްޓީއޯ ލޯޔަލްޓީ" ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް އެކުންފުނިން ރޭ އިފްތިތާޙްކޮށްފިއެވެ.

މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ އެސްޓީއޯގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިންނެވެ. މިއީ މިދިޔަ އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ހިއްސާދާރުންގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކަށް ބިނާކޮށް، ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކާއި މަންފާ ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

އެސްޓީއޯއިން މަޢުލޫމާތު ދޭ ގޮތުގައި، މި ޕްރޮގްރާމްގައި އެންމެ ފުރަތަމަ ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ހިއްސާދާރުންނެވެ. ހުރިހާ ހިއްސާދާރުންވެސް މި ޕްރޮގްރާމްގައި ރަޖިސްޓްރީ ކުރެވިފައިވަނީ އެންމެ މަތީ ދަރަޖަ ކަމަށްވާ "ޕްލެޓިނަމް" ގައެވެ. ހިއްސާދާރުންނަށް މިހާރު ޝެއަރ ހޯލްޑަރ ޕޯޓަލް މެދުވެރިކޮށް ލޯޔަލްޓީ ކާޑަށް ކްލެއިމް ކުރެވޭނެއެވެ.

ލޯޔަލްޓީ ޕްރޮގްރާމް ބެހިފައިވާ ދަރަޖަތައް:

މި ޕްރޮގްރާމް މައިގަނޑު ތިން ދަރަޖައަކަށް ވަނީ ބަހާލެވިފައެވެ. އެއީ:

ސިލްވަރ
ގޯލްޑް (ޕޮއިންޓް ގުނަ ކުރެވޭނީ 1.5 ނިސްބަތުން)
ޕްލެޓިނަމް (ޕޮއިންޓް ގުނަ ކުރެވޭނީ 2 ގުނައަށް)


އެސްޓީއޯއިން ވިދާޅުވި ގޮތުގައި، ކޮންމެ ދަރަޖައަކުންވެސް އެސްޓީއޯގެ ކަނޑައެޅޭ އައުޓްލެޓްތަކުން ވިޔަފާރިކޮށްގެން ޕޮއިންޓް ލިބޭނެއެވެ. އަދި ވިޔަފާރިކުރާ މިންވަރަށް ބަލައި ކާޑުގެ ދަރަޖަ މަތިވަމުންދާނެއެވެ. އެއްކުރެވޭ ޕޮއިންޓްތަކުގެ އަދަދު 200 އަށް އެރުމުން، އެ ޕޮއިންޓްތައް ބޭނުންކޮށްގެން ވިޔަފާރިތަކަށް ފައިސާ ދެއްކުމުގެ (ރިޑީމް ކުރުމުގެ) ފުރުޞަތު ލިބިގެންދާނެއެވެ. މި ޕޮއިންޓްތައް ބޭނުންކުރުމަށް 2 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

ޚިދުމަތް ލިބޭ އައުޓްލެޓްތައް:

އެސްޓީއޯ ޕީޕަލްސް ޗޮއިސް (މާލެ އަދި ހުޅުމާލެ)
އެސްޓީއޯ މަކިޓާ ޝޯވ ރޫމް
އެސްޓީއޯ ކޮންސްޓްރަކްޝަންސް ޝޯވ ރޫމް (ހުޅުމާލެ)


މިވަގުތު މި ޕްރޮގްރާމްގައި ހިއްސާދާރުން ބައިވެރިކުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައި އާންމު ހުރިހާ ކަސްޓަމަރުންނަށްވެސް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ. މިއީ އެސްޓީއޯއިން ދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެކުންފުނިން ސިފަކުރެއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450