ޚަބަރު
ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗު ނިންމާލައި 344 ޒުވާނުން ދަސްވެނިވެއްޖެ
އެމްއެންޑީއެފްއާ އަލަށް ގުޅުނު ބައެއް ކުދިން ފޮޓޯ: އެމްއެންޑީއެފް
ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށާއި، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި "ދިވެހި ވަޠަނީ ޚިދުމަތް" ނުވަތަ ނޭޝަނަލް ސަރވިސް ޕްރޮގްރާމުގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ނިންމައި 344 ދަރިވަރުން ދަސްވެނިވެއްޖެއެވެ.
ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ބޭއްވި މި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުއެވެ. މި ރަސްމިއްޔާތުގައި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިން ނިންމި ދަރިވަރުންނަށް އަޒުމް ލައިދިނުމުގެ އިތުރުން، ޝަރަފުގެ ހިނގާލުމެއްވެސް ވަނީ ބާއްވާފައެވެ.
މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ފަށާފައިވަނީ ރާއްޖޭގެ 112 ރަށަކުން ހޮވާލެވުނު 350 ބައިވެރިންނާއެކުއެވެ. އޭގެ ތެރެއިން 344 ބައިވެރިއަކު ވަނީ ތަމްރީނުތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.
ދަސްވެނިވި ދަރިވަރުންނަށް ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިން ފުރިހަމަކުރިކަމުގެ ސެޓްފިކެޓުގެ އިތުރުން، ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕްގެ ސެޓްފިކެޓް 3 އާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިޑް އަދި ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓްތައް ވަނީ ހަވާލުކޮށްފައެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި ބުރުގައި ދަސްވެނިވި ޒުވާނުންގެ ތެރެއިން ހޮވޭ ކުދިންނަށް ބ. ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އެ ފުރުސަތު ނުލިބޭ ކުދިންނަށް، އެ ކުދިން ޝައުޤުވެރިކަން ހުރި ދާއިރާތަކުން ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި، އިސްލާމްދީނަށް ލޯބިކުރާ، ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ފެއްޓެވި މުހިންމު މަސައްކަތެކެވެ. މި ތަމްރީނުގެ ތެރެއިން ދަރިވަރުންނަށް ދިވެހި ޤައުމިއްޔަތާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕްގެ އިތުރުން ފަޔަރ ފައިޓިންގ، ފަސްޓް އެއިޑް، އަދި އަސްކަރީ ތަމްރީނުގެ އަސާސްތައް ވަނީ އުނގަންނައިދީފައެވެ.