ޚަބަރު
ގެއްލުނު ޑައިވަރުން ހޯދަން ފިންލެންޑްގެ ޓީމެއް ރާއްޖެއަށް
ގެއްލުނު ފަތުރުވެރިން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު. ފޮޓޯ: އެމްއެންޑީއެފް
ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރުމަށް ފިންލެންޑުގެ ތަޖުރިބާކާރު 3 ޑައިވަރުން ހިމެނޭ ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ. އިޓަލީ ސަރުކާރުގެ އެހީތެރިކަމާއެކު ފޮނުވި މި ޓީމު ރާއްޖެ އައިސްފައިވަނީ މި މަސައްކަތަށް ބޭނުންވާނެ ޒަމާނީ އާލާތްތަކާވެސް އެކުގައެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާން މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވީ، ފިންލޭންޑުގެ ޑައިވަރުންގެ ޓީމު މިހާރު ދިވެހި ކޯސްޓްކާޑާއި ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަން އަލުން ފަށާނެ ވަގުތަކާއި، މިކަމުގައި ގެންގުޅޭނެ ސްޓްރެޓެޖީތަކާ ގުޅޭގޮތުން ދެ ފަރާތުގެ މެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އޮޕަރޭޝަން މިވަގުތަށް މެދުކަނޑާލާފައިވަނީ، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި އުޅުއްވި އެމްއެންޑީއެފް ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު، ސްޓާފް ސާޖަންޓް މުޙައްމަދު މަޙުދީ ނިޔާވުމާ ގުޅިގެންނެވެ.
ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއާރުސީސީއަށް ލިބިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރުއެވެ. އެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފްއިން ވަނީ ކަނޑާއި ވައިގެ މަގުން އެ މީހުން ހޯދުމުގެ ފުޅާ އޮޕަރޭޝަނެއް ފަށާފައެވެ.
މި ހާދިސާގައި ގެއްލިފައިވަނީ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރަކާއި 4 ފަތުރުވެރިންނެވެ. މީގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ހަމައެކަނި ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. މި ހާދިސާއާ ގުޅިގެން ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ޑައިވަރުން ދަތުރުކުރި އުޅަނދުގެ ލައިސަންސް މިހާރު ހިފަހައްޓާފައެވެ.