ކުޅިވަރު
ބާކީ އެއް މެޗު އޮއްވައި ދިއްދޫއިން ނޯތު ލީގު ޔަޤީންކޮށްފި
ގޯލު ޖެހުމަށްފަހު ދިއްދޫ ޓީމުން އުފާފާޅުކުރަނީ، ފޮޓޯ: ދިއްދޫ ސްޕޯޓްސް
ބާކީ އެއް މެޗު އޮއްވައި ދިއްދޫއިން ނޯތު ރީޖަން ލީގު ޔަޤީންކޮށްފިއެވެ. ދިއްދޫއިން ލީގު ޔަޤީންކުރީ ހޮނިހިރު ދުވަހު ހަނިމާދޫއާ ދެކޮޅަށް ރަށުން ބޭރުގައި ބައްދަލުކުރި މެޗު ފަހަތުންއަރާ 2-1އިން ކާމިޔާބުކޮށްގެންނެވެ.
ހަނިމާދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ލީޑު ނެގީ ދެވަނަ މިނެޓުގައި އުފާލް އަބްދުالله ކާމިޔާބުކުރި ގޯލުންނެވެ. މިއީ ދިއްދޫގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ހަނިމާދޫއިން ކާމިޔާބުކުރި ގޯލެކެވެ.
އެ ގޯލުގެ ފަހުން ފުރަތަމަ ހާފުގައި ވެސް ދިއްދޫއިން ވަނީ ހަނިމާދޫގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުނީ އިތުރު ގޯލެއް ނުފެނިއެވެ.
ދިއްދޫއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 63ވަނަ މިނެޓުގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ދަންޖޫމާއެވެ. އަދި އޭގެ 9 މިނެޓުފަހުން އެ ޓީމުން ލީޑު ނެގީ ވަބުއިސީ ބެނާޑް ކާމިޔާބުކުރި ގޯލުންނެވެ.
މި ނަތީޖާއާއެކު ދިއްދޫއިން މިވަނީ 5 މެޗުން 15 ޕޮއިންޓު ހޯދާފައެވެ. އަދި ދެވަނައިގައި އޮތް ހަނިމާދޫއަށް 5 މެޗުން ލިބިފައި ވަނީ 6 ޕޮއިންޓެވެ.
ނޯތު ރީޖަން ލީގު މެޗެއް މިއަދު ވެސް ކުޅޭނެއެވެ. މަނަދޫގައި އެ ރަށު ޓީމުން މިއަދު ނިކުންނާނީ ކުޅުދުއްފުއްޓާ ދެކޮޅަށެވެ. މި މެޗު ކުޅުދުއްފުށިން ކާމިޔާބުކޮށްފިނަމަ 9 ޕޮއިންޓާއެކު އެ ޓީމު ދެވަނައަށް އަރާނެއެވެ.