ޚަބަރު
ގައްދޫ ހޮސްޕިޓަލް މަޝްރޫޢުގައި މިހާރު ކުރިޔަށްދަނީ ފައުންޑޭޝަންގެ މަސައްކަތްތައް: އެމްޓީސީސީ
ގދ. ގައްދޫ ހޮސްޕިޓަލްގެ އަދާހަމަ / ފޮޓޯ: އެމްޓީސީސީ
ފަރުދުން
17 މޭ 2026، 04:25
17 މޭ 2026، 04:25
ގދ. ގައްދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަޝްރޫޢުގައި މިހާރު ކުރިޔަށްދަނީ ފައުންޑޭޝަންގެ މަސައްކަތްތައްކަމަށް، އެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފިއެވެ.
އެކްސްގައި މި މަޝްރޫޢާ ގުޅިގެން ކުރި ޕޯސްޓެއްގައި އެމްޓީސީސީއިން ބުނީ، މިހާރު ކުރިޔަށްދަނީ ތަނބުތަކުގެ ބުޑު އެޅުމާއި، ތަނބުތައް އެޅުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ.
އެމްޓީސީސީއިން ޙިއްޞާކޮށްފައިވާ މަޝްރޫޢުގެ އަދާހަމަ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ އިމާރާތުގައި އަޅާ ތަނބުތަކުގެ ގިނަ ބުޑުތަކުގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އަދި ބާކީ ބުޑުތައް އެޅުމުގެ މަސައްކަތް ކުރަމުންދާތަން އެ ފޮޓޯތަކުން ފެނެއެވެ.
Project Update: Construction of Gdh. Gadhdhoo Hospital
— MTCC Plc (@MTCCPlc) May 17, 2026
Foundation backfilling of casted grids, casting of foundation pads and tie beam lean concrete works are ongoing.
Follow more updates at: https://t.co/SfVAzkW2pp #MTCCProjects #TeamMTCC #RayyithungeKunfuni… pic.twitter.com/2YcLXjUUsC
މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 5ވަނަ ދުވަހުއެވެ. އެ މަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވީ އޭރުގެ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.
މި މަޝްރޫޢުގެ ދަށުން 18،613 އަކަޓޫފުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއްގައި 30 އެނދުގެ ޞިއްޙީ ޚިދުމަތްދޭ ބްލޮކެއް ތަރައްޤީކުރާނެއެވެ. އަދި 2،563 އަކަފޫޓުގެ ސަރަޙައްދެއްގައި 1 ފަންގިފިލާގެ އެހެނިހެން ޚިދުމަތްދޭ ބްލޮކަކާއި، 3،573 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މުޅި މަޝްރޫޢަށް 101.70 މިލިޔަން ރުފިޔާ ޚަރަދުވާއިރު، މި މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.