ދުނިޔެ
ޓްރަމްޕްގެ ބޯލްރޫމަށް ބޭނުންވާ ފެޑެރަލް ބަޖެޓަށް ސެނެޓުން ހުރަސް އަޅައިފި
އެމެރިކާގެެ ރައީސް ޑޮނާލްޑް ޓްރަމްޕް. ފޮޓޯ: އީޕީއޭ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ހެއްދެވުމަށް ރާވާފައިވާ ބޯލްރޫމްގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ރައްޔިތުންގެ ޓެކްސް ފައިސާ ބޭނުންކުރުމަށް ރިޕަބްލިކަން ޕާޓީން ކުރަމުންދާ މަސައްކަތަށް ސެނެޓުގެ އިސްއޮފިޝަލަކު ބޮޑު ހުރަހެއް ކުރިމަތިކުރައްވައިފިއެވެ.
ސެނެޓް ޕާލަމެންޓޭރިއަން އެލިޒަބަތު މެކްޑޮނޯ ހޮނިހިރު ދުވަހު ނިންމެވި ނިންމެވުމެއްގައި ބުނެފައިވަނީ، ޚަރަދު ކުރުމުގެ ބިލުގައި ހިމަނާފައިވާ މި ފަންޑިންގްއަކީ ސެނެޓުގެ ބަޖެޓް އުސޫލުތަކާ ޚިލާފު ކަމެއް ކަމަށެވެ. ޓްރަމްޕް މީގެކުރިން ވިދާޅުވެފައިވަނީ ބޯލްރޫމް ހެދުމަށް ބޭނުންވާ 400 މިލިއަން ޑޮލަރު ހޯދާނީ އަމިއްލަ އެހީގެ ގޮތުގައި ކަމަށެވެ.
ނަމަވެސް، ރިޕަބްލިކަން މެންބަރުން ވަނީ ބޯލްރޫމާއި ބިމުގެ އަޑީގައި ހަދާ އެހެނިހެން ތަންތަނުގެ ސެކިއުރިޓީއަށް 1 ބިލިއަން ޑޮލަރު ސީކްރެޓް ސާވިސްއަށް ދިނުމަށް ބިލުގައި ހިމަނާފައެވެ.
ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން މި ހުށަހެޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވައެވެ. އެ ބޭފުޅުން ސިފަކުރައްވާ ގޮތުގައި މިއީ ގިނަ އަދަދެއްގެ އެމެރިކާ ރައްޔިތުން ދިރިއުޅުމުގެ ޚަރަދުތަކާއި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިލަމުންދާ ވަގުތެއްގައި ކުރާ ބޭކާރު އިސްރާފެކެވެ. ކުރީގެ ރިއަލް އެސްޓޭޓް ޑިވެލޮޕަރެއް ކަމަށްވާ ޓްރަމްޕް ވަނީ މި މަޝްރޫއަށް ވަރަށް ބޮޑަށް ތާއީދުކުރައްވައި، މިއީ "ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ހުންނާނެ މިފަދަ އެންމެ ފުރިހަމަ ބިނާ" ކަމަށް ވިދާޅުވެފައެވެ.
ސެނެޓް ބަޖެޓް ކޮމިޓީގެ އިސް ޑިމޮކްރެޓް، ސެނެޓަރ ޖެފް މާކްލީގެ އޮފީހުން ބުނި ގޮތުގައި، މި ސެކިއުރިޓީ ފަންޑިންގްއަކީ ރިޕަބްލިކަން މެންބަރުން ބޭނުންވާ ފަދަ އަވަސް މަގަކުން ފާސްކުރެވޭނެ އެއްޗެއް ނޫން ކަމަށް މެކްޑޮނޯ ވަނީ ކަނޑައަޅުއްވާފައެވެ. ސެނެޓުގައި ރިޕަބްލިކަން ޕާޓީއަށް 53-47 ގެ އަޣުލަބިއްޔަތެއް އޮތް ނަމަވެސް، މި ނިންމުމާއެކު ޑިމޮކްރެޓުންގެ އެހީތެރިކަމާ ނުލައި މިކަން ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވާނެއެވެ.
ރިޕަބްލިކަން މެންބަރުން ވަނީ ރައީސްގެ ރައްކާތެރިކަމަށްޓަކައި މި ފައިސާ މުހިންމު ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހު ވޮޝިންގްޓަން ޑީސީގައި ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި ހަފްލާއަކަށް ހަތިޔާރު އެޅި މީހަކު ވަންނަން އުޅުނު ހާދިސާއަކަށް އެ ބޭފުޅުން ރިއާޔަތް ކުރައްވައެވެ. ނަމަވެސް ޑިމޮކްރެޓުން ބުނަނީ އިމިގްރޭޝަން ފަދަ މުހިންމު ދާއިރާތަކަށް އިސްލާހުތައް ނުގެނެސް މިފަދަ ކަންކަމަށް ފައިސާ ދޫނުކުރާނެ ކަމަށެވެ.
ރައީސް ޓްރަމްޕް އުންމީދު ކުރައްވަނީ މި ބޯލްރޫމްގެ މަސައްކަތް 2028 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އެއީ އެމަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރު ނިމެން ގާތްވެފައިވާ ދުވަސްވަރެވެ.