ދުނިޔެ

ހޮރްމުޒް ކަނޑުއޮޅީގެ ޓްރެފިކް ބަލަހައްޓާނެ ނިޒާމެއް އީރާނުން އިއުލާންކުރަނީ

ހޮރްމުޒް ކަނޑުއޮޅީގެ ޓްރެފިކް ބަލަހައްޓާނެ ނިޒާމެއް އީރާނުން އިއުލާންކުރަނީ

ހޮރްމުޒް ކަނޑުއޮޅި. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 މޭ 2026، 04:56

17 މޭ 2026، 04:56

އިޤުތިޞާދީ ގޮތުން ދުނިޔޭގައި އެންމެ މުހިންމު އެއް ސަރަޙައްދު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރު ރެގިއުލޭޓްކޮށް، ވަކި މަގުތަކަކުން ދަތުރުކުރާ ގޮތަށް ހަމަޖައްސައި، ޚިދުމަތުގެ ފީ ނެގުމަށް އައު ނިޒާމެއް ތައާރަފްކުރަން އީރާނުން ތައްޔާރުވަމުންދާ ކަމަށް އެ ޤައުމުން ހާމަކޮށްފިއެވެ.

އީރާނުގެ މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުޤައްރިރު، އިބްރާހީމް އަޒީޒީ ހޮނިހިރު ދުވަހު ވިދާޅުވީ މި ނިޒާމު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

އަޒީޒީ ވިދާޅުވި ގޮތުގައި މި އައު އުސޫލުގެ ދަށުން ފައިދާ ލިބޭނީ ހަމައެކަނި ވިޔަފާރި އުޅަނދުފަހަރަށާއި އީރާނާއެކު އެއްބާރުލުންދޭ ފަރާތްތަކަށެވެ. އަދި ދެވޭ ޚާއްސަ ޚިދުމަތްތަކަށް ބޭނުންވާ ފީ ނަގަމުންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއިން ހިންގާ "ފްރީޑަމް ޕްރޮޖެކްޓް" ގެ ދަށުން ދަތުރުކުރާ އުޅަނދުފަހަރަށް މި މަގު ބަންދުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫރަޕްގެ ގައުމުތަކުން އީރާނާއެކު މަޝްވަރާ ކުރަނީ

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރުމާ ގުޅޭގޮތުން ޔޫރަޕްގެ ގައުމުތަކުން މިހާރު ދަނީ އީރާނާ އެކު މަޝްވަރާ ކުރަމުންނެވެ. ޗައިނާ، ޖަޕާން އަދި ޕާކިސްތާން ފަދަ އިރުމަތީ އޭޝިއާގެ ގައުމުތަކުގެ އުޅަނދުތަކަށް ހުއްދަ ދިނުމާ ގުޅިގެން، ޔޫރަޕްގެ ގައުމުތަކުން ވެސް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ނޭވީއާ އެކު މަޝްވަރާތައް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލާ ދެމެދު ހަނގުރާމަ ފެށުނު ފަހުން އީރާނުން ވަނީ މި ކަނޑުއޮޅިން ދަތުރުކުރުން ބޮޑުތަނުން ހުއްޓުވާފައެވެ. އޭޕްރީލް 8 އިން ފެށިގެން ވަގުތީ ސުލްހައެއް ގާއިމުކުރެވިފައިވީ ނަމަވެސް، އީރާނުން މި ސަރަހައްދު ކޮންޓްރޯލް ކުރުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކަށް ވަނީ ބޮޑު އަސަރެއް ކޮށްފައެވެ. މީގެ ރައްދުގައި އެމެރިކާއިން ވެސް ވަނީ އީރާނުގެ ބަނދަރުތައް ބްލޮކްކޮށްފައެވެ.

އާންމު ހާލަތްތަކުގައި ދުނިޔޭގައި ބޭނުންކުރާ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އިން ބުނެފައިވަނީ، އީރާނުގެ ޕްރޮޓޮކޯލްތަކަށް އެއްބަސްވުމުން ޗައިނާ ހިމެނޭހެން ބައެއް ގައުމުތަކުގެ އުޅަނދުތަކަށް މިހާރު ދަތުރުކުރުމުގެ ހުއްދަ ދެމުންދާ ކަމަށެވެ.

އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް މި ކަނޑުއޮޅީގެ ދަތުރުފަތުރު ދެން ބަދަލުނުވާނެ ކަމަށެވެ. އަދި މިދިޔަ މަހު އީރާނުން ވަނީ މި ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ނަގަން ފެށި ޓޯލް ފީގެ ފުރަތަމަ އާމްދަނީ ލިބިފައިވާކަން ވެސް ހާމަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450