ދުނިޔެ
ހަމާސްގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފި
ހަމާސްގެ އަސްކަރީ ގަފީލުގެ ކޮމާންޑަރު އިއްޒުއްދީން އަލް-ހައްދާދު.
ހަމާސްގެ އަސްކަރީ ގާފީލާގެ އެންމެ އިސް އެއް ކޮމާންޑަރު ކަމަށްވާ އިއްޒުއްދީން އަލް-ހައްދާދު ޝަހީދުކޮށްލުމަށްފަހު، އިސްރާއީލުން ޣައްޒާގެ އެކިސަރަޙައްދުތަކަށް ދެމުންދާ ހަމަލާތައް އާދީއްތަ ދުވަހުވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
މި ހަމަލާތަކުގައި ޚާން ޔޫނިސް އާއި ދައިރުލް ބަލާހުން މަދުވެގެން ހަތަރު މީހުން ޝަހީދުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.
އިސްރާއީލުން ބުނިގޮތުގައި ހަމާސްގެ އަސްކަރީ ގާފިލާގެ ކޮމާންޑަރު އިއްޒުއްދީން އަލް-ހައްދާދު ޝަހީދުކޮށްލާފައިވަނީ ހުކުރު ދުވަހު ޣައްޒާ ސިޓީއަށް ދިން ވަރުގަދަ ހަމަލާއެއްގައެވެ. ހަމާސްއިން ވަނީ މިކަން ކަށަވަރުކޮށްދީ، އަލް-ހައްދާދުގެ އިތުރުން އޭނާގެ އަނބިމީހާ އާއި 19 އަހަރުގެ އަންހެން ދަރިފުޅުވެސް މި ހަމަލާގައި ޝަހީދުވެފައިވާ ކަމަށް ބުނެފައެވެ. އަލް-ހައްދާދަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގެ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު އެކަކު ކަމަށް އިސްރާއީލުން ތުހުމަތުކުރެއެވެ.
"ދަ ގޯސްޓް" ނުވަތަ ފުރޭތައިގެ ނަމުން މަޝްހޫރުވެފައިވާ އަލް-ހައްދާދަކީ މީގެ ކުރިންވެސް އިސްރާއީލުން އޭނާ މަރާލުމަށް ދިން އެތައް ހަމަލާއަކުން ސަލާމަތްވެފައިވާ މީހެކެވެ. އޭނާ ހަމާސްގެ އަސްކަރީ ވެރިޔަކަށް އައްޔަންކުރެވުނީ 2025 ވަނަ އަހަރުގެ މެއި މަހު މުހައްމަދު ސިންވާރު ޝަހީދުކޮށްލުމާ ގުޅިގެންނެވެ.
ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތައް
އާދީއްތަ ދުވަހު އިސްރާއީލުގެ ޑްރޯން ހަމަލާއެއް ޚާން ޔޫނިސްގައި އެއްވެ ތިބި ފަލަސްތީނު ބަޔަކަށް އަމާޒުކުރުމުގެ ސަބަބުން އެކަކު ޝަހީދުވެ ހަތަރު މީހަކު ޒަޚަމްވެފައިވާ ކަމަށް މެޑިކަލް މަސްދަރުތަކުން ބުނެއެވެ. މީގެ އިތުރުން ދައިރުލް ބަލާހްގެ އަލް-އަގްސާ ހޮސްޕިޓަލް ކައިރީގައި ހުރި ކޮމިއުނިޓީ ބަދިގެއަކަށް ދިން ހަމަލާއެއްގައި ތިން މީހަކު ވަނީ ޝަހީދުވެފައެވެ.
އިސްރާއީލުގެ އަސްކަރީ ލަޝްކަރުތަކުން ވަނީ ޚާން ޔޫނިސްގެ އިރުމަތީގައިވާ ބަނީ ސުހައިލާ އަވަށަށް ވަދެގަނެ، ގިނަ އަދަދެއްގެ ގެދޮރު ސުންނާފަތިކޮށްފައެވެ. މި ސަރަޙައްދުގައި އިސްރާއީލުން ކަނޑައަޅާފައިވާ "ޔެލޯ ލައިން" ފަހަނައަޅައި ގޮސް، އިސްރާއީލުގެ ކޮންޓްރޯލް އޮންނަ ސަރަހައްދު ފުޅާކުރަމުންދާ ކަމަށް މަންޒަރުދުށް މީހުން ރިޕޯޓުކޮށްފައިވެއެވެ.
ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރީގައިވެސް އިސްރާއީލުން ދަނީ ހަމަލާތައް ދެމުންނެވެ. ހޮނިހިރު ދުވަހު ޖެނިން ރެފިއުޖީ ކޭމްޕުގައި އިސްރާއީލު ސިފައިން ދިން ހަމަލާއެއްގައި އުމުރުން 34 އަހަރުގެ ނޫރުއްދީން ފައްޔާދު ވަނީ ޝަހީދުކޮށްލާފައެވެ. މިއާއެކު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހުޅަނގު އައްސޭރިން ޝަހީދުވި މީހުންގެ އަދަދު ވަނީ 1,162 އަށް އަރާފައެވެ.
އެމެރިކާގެ ތާއީދާއެކު އޮކްޓޯބަރު މަހު އެއްބަސްވީ ސުލްހައިގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 850 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ.