ދުނިޔެ
ޣައްޒާގެ ކޮމިއުނިޓީ ބަދިގެއަކަށް އިސްރާއިލުން ދިން ހަމަލާއެއްގައި ތިން މީހަކު ޝަހީދުކޮށްލައިފި
ޝަހީދެއްގެ އާއިލާއިން ހިތާމަކުރަނީ. ފޮޓޯ: ޤުދުސް ނެޓްވޯކް
ޣައްޒާގެ މެދުތެރޭގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދޭ ކޮމިއުނިޓީ ބަދިގެއަކަށް އިސްރާއިލުން އާދީއްތަ ދުވަހު ދިން ހަމަލާއެއްގައި ތިން މީހަކު ޝަހީދުވެ، އިތުރު ބަޔަކު ޒަހަމްވެއްޖެއެވެ.
އެމެރިކާގެ ތާއީދާއެކު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވީ ނަމަވެސް، އިސްރާއިލުން ދަނީ މެދުކެނޑުމެއްނެތި ޣަައްޒާއަށް ހަމަލާތައް ދެމުންނެވެ.
ލޯކަލް މަސްދަރުތަކުން ކަށަވަރުކޮށްދޭ ގޮތުގައި، އިސްރާއިލު ސިފައިން ދާރުލް ބަލާހްގައި ހުރި މި ބަދިގެއަށް ދެ ފަހަރެއްގެ މަތިން ހަމަލާދީފައިވެއެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ޣައްޒާގެ އެކި ސަރަހައްދުތަކުން ހަ މީހަކު ވަނީ ޝަހީދުވެފައެވެ.
މީގެ އިތުރުން، ފުލުސް އޮފީހެއް ކައިރިއަށް އިސްރާއިލްގެ ޑްރޯންއަކުން ދިން ހަމަލާއެއްގައި އެކަކު ޝަހީދުވެ ދެ މީހަކު ޒަހަމްވެފައިވާއިރު، ރޭގެ ވަގުތެއްގައި ޣައްޒާ ސިޓީގައި ދުއްވާފައި ދިޔަ އުޅަނދަކަށް ދިން ހަމަލާއެއްގައި ވެސް ދެ މީހަކު ވަނީ ޝަހީދުވެފައެވެ. އޮކްޓޯބަރު މަހު އަމަލުކުރަން ފެށި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރޭލުން 2,800 އަށްވުރެ ގިނަ ފަހަރު ހިލާފުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެއްބަސްވުމަށްފަހު އެކަނިވެސް އިސްރާއިލުން ވަނީ 870 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި 300 އަށްވުރެ ގިނަ ކުޑަކުދިންނާއި، އަންހެނުންނާއި ދޮށީ އުމުރުގެ މީހުން ހިމެނެއެވެ. 2023 އޮކްޓޯބަރު 7 ގައި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް 72,700 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ.
އދ. ގެ ހިއުމަން ރައިޓްސް ޗީފް ވޮލްކާރ ތުރުކް ވަނީ އިޒްރޭލުގެ މި ހަމަލާތައް ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވީ "މެދުކެނޑުމެއްނެތި މީހުން މެރުމުގެ މި އަމަލުތަކުން" ފެންނަނީ އިސްރާއިލުން ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ބެލުމެއްނެތި ކުރިއަށްދާ މިންވަރު ކަމަށެވެ.
"ފަލަސްތީނު ރައްޔިތުން ޝަހީދުވަމުން ދަނީ އެމީހުންގެ ގެދޮރާއި، ހިޔާވަހިކަން ހޯދައިގެން ތިބި ފޭލިގެތަކާއި، މަގުމަތީގައާއި، އުޅަނދުތަކުގެ ތެރޭގައާއި، ސިއްހީ މަރުކަޒުތަކުގެ އިތުރުން ކްލާސްރޫމްތަކުގެ ތެރޭގައި،" ތުރުކް ވިދާޅުވިއެވެ. އިޒްރޭލުން ދަނީ އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރަމުންނެވެ.