ދުނިޔެ
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ދަރިކަލުން ފަތަހަ ޖަމާއަތުގެ އިސް މަގާމަކަށް އިންތިޚާބުވެއްޖެ
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަދި ދަރިކަލުން ޔާސިރު، އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲގައި، ފޮޓޯ: މުޙައްމަދު ތުރާކްމަން/ރޮއިޓާސް
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ދަރިކަލުން ޔާސިރު އައްބާސް، ފަތަހަ ޖަމާއަތުގެ އެންމެ މަތީ ނިންމުންތައް ނިންމާ މަޖިލިސް ކަމަށްވާ ސެންޓްރަލް ކޮމިޓީގެ ގޮނޑިއެއް ކާމިޔާބު ކުރައްވައިފިއެވެ.
މި ނަތީޖާ އިއުލާންކޮށްފައިވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲގައި ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ބޭއްވި ފަތަހަ ޖަމާއަތުގެ ފުރަތަމަ ކޮންގްރެސްގައެވެ.
އުމުރުފުޅުން 64 އަހަރުގެ ޔާސިރު އައްބާސް އަކީ ކެނެޑާގައި ގިނަ ވަގުތު ހޭދަކުރައްވާ ވިޔަފާރިވެރިއެކެވެ. އޭނާ ސެންޓްރަލް ކޮމިޓީއަށް އިންތިޚާބުވެވަޑައިގެންފައި މިވަނީ، މީގެ ފަސް އަހަރު ކުރިން ބައްޕާފުޅުގެ "ޚާއްސަ މަންދޫބު" ގެ މަގާމަށް އައްޔަންކުރެއްވުމަށްފަހުއެވެ. މި އިންތިޚާބުގައި އިސްރާއީލުގެ ޖަލެއްގައި 2002 ވަނަ އަހަރުން ފެށިގެން ހުންނެވި މަގްބޫލު ލީޑަރު މަރުވާން ބަރުޣޫޘީ ވަނީ އެންމެ ގިނަ ވޯޓާއެކު އޭނާގެ ގޮނޑި ދަމަހައްޓަވާފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި ކޮންގްރެސްގައި 2,507 މީހުން ވޯޓުލާފައިވާއިރު، ވޯޓުލީ މީހުންގެ ނިސްބަތަކީ 94.6 އިންސައްތައެވެ. ސެންޓްރަލް ކޮމިޓީގެ 18 ގޮނޑިއަށް 59 ކެންޑިޑޭޓުން ވާދަކުރިއިރު، ރިވޮލިއުޝަނަރީ ކައުންސިލްގެ 80 ގޮނޑިއަށް 450 މީހުން ވާދަކުރިއެވެ. ކޮންގްރެސްގެ ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މަހްމޫދު އައްބާސް ވަނީ ފަލަސްތީނުގެ އޮތޯރިޓީ އިސްލާހުކޮށް، ލަސްވެފައިވާ ރިޔާސީ އަދި ބަރުލަމާނީ އިންތިޚާބު ބާއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ފަތަހަ ޖަމާއަތުގެ މަގްބޫލުކަން ފަހަކަށް އައިސް ކުޑަވެފައިވަނީ އެތެރޭގެ ބައިބައިވުންތަކާއި، ކޮރަޕްޝަންގެ ތުހުމަތުތަކުގެ ސަބަބުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ހަނގުރާމައަށްފަހު ޣައްޒާގެ ކަންކަމުގައި ފަލަސްތީނު އޮތޯރިޓީއަށް ބައިވެރިވެވޭނީ ބޮޑެތި އިސްލާހުތަކެއް ގެނެސްގެން ކަމަށް ވިދާޅުވެފައެވެ.
ބިރުޒައިޓް ޔުނިވާސިޓީގެ ޕޮލިޓިކަލް ސައިންސް ޕްރޮފެސަރު އަލީ ޖަރުބާވީ ވިދާޅުވި ގޮތުގައި، ޔާސިރު އައްބާސް އިންތިޚާބުވުމަކީ ސީދާ ރިޔާސަތަށް ވަޑައިގަތުމުގެ މަގެއް ނޫނެވެ. ނަމަވެސް، "މިއީ ވާރުތަވުމުގެ މަރުހަލާއެއް ނޫން ކަމުގައިވިޔަސް، މުސްތަގުބަލުގައި މަގާމެއް ކަށަވަރުކުރުމުގެ ފެށުމެއް ކަމަށް ބެލެވިދާނެ،" ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ކޮންގްރެސް ނިމިގެންދިޔައިރު، 90 އަހަރުގެ މަހްމޫދު އައްބާސްގެ ފަހުން ޖަމާއަތް ހިންގާނެ ލީޑަރަކު ސާފުވެފައި ނުވާ ކަމަށް މުހައްލިލުން ބުނެއެވެ. ސެންޓްރަލް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޖިބްރީލް ރަޖޫބު އަލުން އިންތިޚާބުވެވަޑައިގެންފައިވާއިރު، ހުސައިން އަލް-ޝައިޚް ވެސް ވަނީ އޭނާގެ މަގާމު ދަމަހައްޓަވާފައެވެ.