ވިޔަފާރި / ޚަބަރު

އޮސްޓްރޭލިއާ އަދި ނިއުޒީލަންޑްގައި ރާއްޖެ އިޝްތިހާރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އޮސްޓްރޭލިއާ އަދި ނިއުޒީލަންޑްގައި ރާއްޖެ އިޝްތިހާރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އޮސްޓްރޭލިއާ އަދި ނިއުޒީލަންޑްގައި ރާއްޖެ އިޝްތިހާރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުން ފޮޓޯ: ވިޒިޓް މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 މޭ 2026، 09:34

18 މޭ 2026، 09:34

އޮސްޓްރޭލިއާ އަދި ނިއުޒީލަންޑްގެ މާކެޓުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ) އާއި އޮސްޓްރޭލިއާގެ މަޝްހޫރު ޓްރެވަލް ޕްލެޓްފޯމް "ލަކްޒަރީ އެސްކޭޕްސް" އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ 16 މެއި 2026 ގައި މެލްބަންގައި ހުންނަ ލަކްޝަރީ އެސްކޭޕްސްގެ ހެޑްކުއާޓާާޒްގައެވެ. ވިޒިޓް މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރު އިބްރާހީމް ޝިއުރީއެވެ. ލަކްޒަރީ އެސްކޭޕްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކޯ-ފައުންޑަރ އަދި ސީ.އީ.އޯ އެޑަމް ޝްވާބްއެވެ.

މި ގުޅުމުގެ ދަށުން ދެ ފަރާތް ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި ޓްރޭޑް އިވެންޓްތަކާއި، ރީޓެއިލް ކެމްޕޭންތަކާއި، ރާއްޖޭގެ ރީތި މަންޒަރުތައް ދައްކާލުމުގެ ހަރަކާތްތައް ހިމެނެއެވެ. މީގެ އިތުރުން "ލަކްޒަރީ އެސްކޭޕްސް ޓީވީ" މެދުވެރިކޮށް ރާއްޖެއާ ބެހޭ ހާއްސަ ޕްރޮގްރާމްތަކެއް އޮސްޓްރޭލިއާގެ ބެލުންތެރިންނަށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިބްރާހީމް ޝިއުރީ ވިދާޅުވީ، އޮސްޓްރޭލިއާއަކީ ރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަހަރުގެ ހުރިހާ ދުވަސްވަރެއްގައި އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށެވެ. ހާއްސަކޮށް އޮސްޓްރޭލިއާގެ ފިނި މޫސުމަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު މަދު ދުވަސްވަރަކަށް ވާތީ، މި ދުވަސްވަރު އިތުރު ފަތުރުވެރިން ގެނައުމަށް މި ފަހުމުނާމާގެ ސަބަބުން މަގުފަހިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ލަކްޒަރީ އެސްކޭޕްސްގެ ސީ.އީ.އޯ އެޑަމް ޝްވާބް ވިދާޅުވީ، އޮސްޓްރޭލިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އަބަދުވެސް ވަރަށް މަގުބޫލު މަންޒިލެއް ކަމަށެވެ. އަދި މި ހަފުތާގައި މެލްބަން އިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަކީ މި މާކެޓަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މީގެ ސަބަބުން ރާއްޖެއަށް ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން މީޑިއާގެ ފަރާތްތަކަށް ރާއްޖެއަށް "ފެމިލިއަރައިޒޭޝަން" ދަތުރުތައް ރޭވުމާއި، ޓްރެވަލް އެޖެންޓުން ތަމްރީނުކުރުމުގެ ވެބިނާާތަކާއި، ޑިޖިޓަލް އަދި ޕްރިންޓް މީޑިއާގައި ރާއްޖެ އިޝްތިހާރުކުރުމުގެ ފުޅާ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ. ވިޒިޓް މޯލްޑިވްސްއިން މި ހަރަކާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނާ ގުޅުވައިދިނުމުގެ މަސައްކަތް ކުރާނެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450