Ads by Farudhun

ޚަބަރު

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން 'ސްޓްރީޓް ސޮކަރ' މުބާރާތެއް ބާއްވައިފި

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން 'ސްޓްރީޓް ސޮކަރ' މުބާރާތެއް ބާއްވައިފި

މުބާރާތުގެ ތެރެއިން/ފޮޓޯ: ވުޒާރާ

18 މޭ 2026، 11:41

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން 'ސްޓްރީޓް ސޮކަރ' ގެ ނަމުގައި 1 ދުވަހުގެ މުބާރާތެއް 16 މެއި 2026 ވަނަ ދުވަހު މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕޫރުގައި ބާއްވައިފިއެވެ.

މި މުބާރާތުގައި މެލޭޝިޔާގައި ދިރިއުޅޭ ފަރާތްތަކާއި ގިނަ އަދަދެއްގެ ކިޔަވާކުދީން ބައިވެރިވެފައިވާއިރު، މި މުބާރާތުގައި 9 ޓީމުން މުޅި ޖުމްލަ 40 މެޗް ކުޅެފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

މިއީ މެލެޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ދަށުން ޤާއިމްކުރެވިފައިވާ މޯލްޑިވްސް ސެންޓަރގެ ފަރާތުން އިސްނަގައިގެން 2025 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ ކުޅިވަރު މުބާރާތެކެވެ. މި ސިލްސިލާގެ ދަށުން ބޭއްވުނު ފުރަތަމަ މުބާރާތް ކަމުގައިވާ 'ބެޑްމިންޓަން އެޑިޝަން' ބޭއްވިފައިވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައެވެ. ސްޓްރީޓް ސޮކަރ މުބާރާތަކީ 'ހައިކޮމިޝަނާސް ކަޕް' ގެ ދަށުން މިއަހަރު ބޭއްވޭ ފުރަތަމަ މުބާރާތެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ސިލްސިލާގެ ދަށުން ތަފާތު ކުޅިވަރު މުބާރާތްތައް މެލޭޝިޔާގައި ބޭއްވުމަށް ވަނީ ރޭވިފައެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު، ޑރ. މަރިޔަމް ޝަބީނާ އަހުމަދު ވިދާޅުވީ، ކުޅިވަރަކީ އެކަކު އަނެކަކަށް އެހީތެރިވުމާއި، ގުޅުން ބަދަހިކޮށް، އެކުވެރިކަން ދަމަހައްޓަން ލިބޭ ރަނގަޅު ފުރުސަޞަތެއް ކަމަށެވެ. އަދި މިފަދަ މުބާރާތްތަކުގެ ތެރެއިން މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކޮމިއުނިޓީ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކަކު އަނެކަކަށް އަޅާލާ މުޖުތަމައެއް އުފެދިގެންދާނެކަމަށް ސަފީރު ވިދާޅުވިއެވެ. މީގެ އިތުރުން، ކުޅިވަރުގެ މައިދާނުގައި ވެސް ދިވެހިރާއްޖެ ތަމްސީލްކޮށް ދިވެހިންގެ ރީތި އާދަކާދަ ދެމަހައްޓުމުގެ މުހިންމު ކަމުގެ މައްޗައް ސަފީރު އަލިއަޅުވާލެއްވިއެވެ.

މި މުބާރާތް ބޭއްވުމުގައި ދިވެހި ރާއްޖޭގެ މިނިސްޓްރީ އޮފް ޔޫތް އެމްޕަވަމެންޓް ސްޕޯޓްސް އެންޑް ފިޓްނަސް ގެ ފަރާތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެއްވާފައިވާއިރު، ދިވެހިރާއްޖޭގެ ހެޔޮއެދޭ ބައެއް ފަރާތްތަކުން މި މުބާރާތް ބޭއްވުމުގައި ހައިކޮމިޝަނަށް އެހީވެފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މެލޭޝިޔާގެ ސަންވޭ މެޑިކަލް ސެންޓަރ ގެ ފާރާތުން މުބާރާތް ހިނގަމުންދިޔަ ވަގުތު ޕެރަމެޑިކްސް އަދި މެޑިކަލް އެމްބިއުލެންސް އެއްގެ އިންތިޒާމް ހަމަޖައްސަވައިދެއްވާފައިވެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށްޓާއި އިނާމް ދެއްވީ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދެވެ. އަދި މުބާރާތުގެ އެހެނިހެން ވަނަތަކަށް ދިޔަ ފަރާތްތަކަށް ތަށްޓާއި އިނާމް ދެއްވާފައިވަނީ ހައިކޮމިޝަނުގެ މުވައްޒަފުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450