ޚަބަރު
ރާއްޖެއާއި ސަޢުދީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި
ދިވެހިރާއްޖެއާއި ސަޢުދީގެ ދިދަ/ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާ އާއި ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެޤައުމުގެ ޚާރިޖީ ވަޒީރުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފި އެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި ސަޢުދީގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސަޢުދު މި މަޝްވަރާތައް ކުރައްވާފައިވަނީ ފޯނުން ގުޅުއްވާގެންނެވެ.
މި ފޯނު ކޯލުގައި ރާއްޖޭއާއި ސަޢުދީގެ ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ، ދެ ޤައުމުގެ ދޭދޭ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. ހަމަ އެހެންމެ ވަޒީރު އިރުތިޝާމް ވަނީ، ރާއްޖޭގެ ތަރައްޤީގައި ސަޢުދީގެ ހިއްސާ ފާހަގަކުރައްވައި އެ ޤައުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޖެހިޖެހިގެން ދެވަނަ އަހަރު މައްކާ ރޫޓު އިނިޝިއޭޓިވްގައި ރާއްޖެ ހިމަނައި ޙައްޖާޖީންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކަށް ވަޒީރު ޝުކުރުއަދާކުރެއްވިއެވެ.
މީގެ އިތުރުން، ގުޅިގެން ކުރެވޭ މަޝްވަރާތަކުން ސަރަހައްދީ ހަމަޖެހުމާއި ރައްކާތެރިކަން ޤާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ތާޢީދުކުރައްވާނެކަން ވަޒީރު އިރުތިޝާމް ފާހަގަކުރެއްވިއެވެ.