ޚަބަރު
ރާއްޖެއަށް އެތެރެކުރަން އުޅުނު 2.3 މިލިޔަން ސިނގިރޭޓު އަތުލައިގެންފި
ސިނގިރޭޓު އަތުލައިގަތުން/ ފޮޓޯ: ކަސްޓަމްސް
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 2.3 މިލިޔަން ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މަޢުލޫމާތުދޭ ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ، މި މަހުގެ 14 ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުންނެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމްސްއިން އިތުރަށް ވިދާޅުވީ، މި އޮޕަރޭޝަނުގައި ޖުމްލަ 2،304،200 (ދެ މިލިއަން ތިން ލައްކަ ހަތަރު ހާސް ދުއިސައްތަ) ސިނގިރޭޓު ސްޓިކްސް އަތުލައިގަނެފައިވާ ކަމަށެވެ. ހަމަ އެހެންމެ، މި މައްސަލައާ ގުޅިގެން އިތުރު ތަފްޞީލެއް ކަސްޓަމްސްއިން މިހާތަނަށް ހާމަކޮށްފައި ނުވާއިރު، މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަން ވެސް އަދި ސާފެއް ނުވެއެވެ.
ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 2,304,200 ސިނގިރޭޓު ސްޓިކްސް ކަސްޓަމްސްއިން އަތުލައިގެންފި. pic.twitter.com/RRj1ZQaUAk
— Maldives Customs Service (@CustomsMv) May 18, 2026
ދުންފަތުގެ ޤާނޫނު ހަރުކަށި ކުރުމާ ގުޅިގެން، ވަގަށް ސިނގިރޭޓާއި އެހެނިހެން ދުންފަތުގެ ބާވަތްތައް އެތެރެކުރަން އުޅޭ ފަރާތްތައް ހުއްޓުވުމަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން މިހާރުވެސް އެފަދަ ބޮޑެތި އެތައް މައްސަލަތަކެއް ކަމާބެހޭ އިދާރާތަކުން ދަނީ ތަހުޤީޤު ކުރަމުންނެވެ.
ޤާނޫނާ ޚިލާފު މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު، ވަކި މީހަކަށް ބެލުމެއް ނެތި ޤާނޫނު ތަންފީޒު ކުރަމުންދާނެ ކަމަށް ސަރުކާރުން މީގެ ކުރިން ވެސް ހާމަކޮށްފައިވެއެވެ. އަދި ރާއްޖޭގެ ބޯޑަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަސްޓަމްސް އާއި އެހެނިހެން ސަލާމަތީ ބާރުތަކުން ގުޅިގެން މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.