ދުނިޔެ
ހަންޓާވައިރަސް ފެތުރުނު ކްރޫޒް ޝިޕް ޑިސްއިންފެކްޓް ކުރުމަށް ބަނދަރުކޮށްފި
ހަންޓާވައިރަސް ފެތުރުނު ކްރޫޒް ޝިޕް ކަމަށްވާ އެމްވީ ހޮންޑިއަސް. ފޮޓޯ: އޭއެފްޕީ
ހުލާސާ
ނުރައްކާތެރި ހަންޓާވައިރަސް ފެތުރުނު ކްރޫޒް ޝިޕް، އެމްވީ ހޮންޑިއަސް، ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތަށް ނެދަލެންޑްސްގެ ރޮޓެރެޑަމް ބަނދަރަށް ހޯމަ ދުވަހު ކައިރިކޮށްފިއެވެ.
މި ބޯޓު ބަނދަރަށް ކައިރިކުރިއިރު އޭގައި ތިބީ 25 ފަޅުވެރިންނާއި ޞިއްޙީ ދެ މުވައްޒަފުންނެވެ. ބޯޓުގެ ހުރިހާ ފަސިންޖަރުން ވަނީ މީގެ ކުރިން އެހެން ސަރަޙައްދުތަކަށް ބާލާފައެވެ.
ބޯޓު އޮޕަރޭޓްކުރާ އޯޝަންވައިޑް އެކްސްޕެޑިޝަންސްއިން ބުނެފައިވާ ގޮތުގައި، މިވަގުތު ބޯޓުގައި ތިބި އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ނުފެނެއެވެ. ނަމަވެސް، ބޯޓުން ފޭބުމާއެކު ފަޅުވެރިން ވަގުތުން ކަރަންޓީނު ކުރެވޭނެއެވެ. އެނބުރި ޤައުމަށް ނުދެވޭ ފަޅުވެރިން ކަރަންޓީނު ކުރުމަށްޓަކައި ބަނދަރު ސަރަޙައްދުގައި ޚާއްޞަ ކޮންޓޭނަރުތަކެއް ވަނީ ތައްޔާރުކޮށްފައެވެ.
މި ބަލިމަޑުކަމުގައި މިހާތަނަށް ތިން ފަސިންޖަރުން މަރުވެފައިވާއިރު، އޭގެތެރޭގައި ނެދަލެންޑްސްގެ ދެމަފިރިއަކު ހިމެނެއެވެ. ޞިއްޙީ މާހިރުން ޤަބޫލުކުރާ ގޮތުގައި މި ދެމަފިރިންނަށް ވައިރަސް އަރާފައިވަނީ ދެކުނު އެމެރިކާއަށް ކުރި ދަތުރެއްގެ ތެރެއިންނެވެ. ބޯޓުން މިހާތަނަށް 11 މީހަކަށް ބަލި ޖެހިފައިވާ ކަމަށް ބެލެވޭއިރު، އޭގެ ތެރެއިން 9 ކޭސްއެއް ވަނީ ކަށަވަރު ކުރެވިފައެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފައިވަނީ، މި ބަލިމަޑުކަމުގެ ނުރައްކާ އަދިވެސް އޮތީ "ލޯ ރިސްކް" ނުވަތަ ކުޑަ މިންވަރެއްގައި ކަމަށެވެ. "ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ކުރިން ބައްޔަށް ހުށަހެޅުނު ފަރާތްތަކުގެ ކިބައިން ބަލި ފެނުމުގެ ފުރުސަތު އޮތް ނަމަވެސް، ފިޔަވަޅުތަކާއެކު ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު ކުޑަވާނެ"، ޑަބްލިއުއެޗްއޯ އިން ހާމަކުރިއެވެ.
ފްރާންސްގެ ޕާސްޗާ އިންސްޓިޓިއުޓުން ބުނި ގޮތުގައި، ބޯޓުން ދަތުރުކުރި ފްރާންސް މީހެއްގެ ހަށިގަނޑުން ފެނުނު ވައިރަސް އަކީ ދެކުނު އެމެރިކާއިން ފެންނަ އާދައިގެ ހަންޓާވައިރަސްއެކެވެ. އަދި މިއީ ކުރިއަށްވުރެ ނުރައްކާތެރި ނުވަތަ އަވަހަށް ފެތުރޭ ބާވަތެއްގެ ވައިރަސްއެއް ކަމުގެ ހެއްކެއް މިހާތަނަށް ފެނިފައެއް ނުވާކަމަށެވެ.
ބޯޓު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާނީ ނެދަލެންޑްސްގެ ޞިއްޙީ މިންގަނޑުތަކާ އެއްގޮތަށެވެ. މި މަސައްކަތުގައި އުޅޭ މީހުން ރައްކާތެރިކަމުގެ ހެދުން ބޭނުންކުރާނެތީ، އެމީހުން ކަރަންޓީނުވާން ނުޖެހޭނެ ކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. ބޯޓު އަލުން ދަތުރުކުރުމުގެ ޙުއްދަ ދޭނީ ޞިއްޙީ އިދާރާތަކުން ބޯޓު ފުރިހަމައަށް އިންސްޕެކްޓް ކުރުމަށްފަހުގައެވެ.